ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބާއްވާ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އދ. ގެ މައި މަރުކަޒުގައި ބޭއްވޭ ހައިލެވެލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމަކީ "ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގެ ނަމުގައި 2 ދުވަހުގެ މުއްދަތަށް ނިއު ޔޯކްގައި ބޭއްވޭ ބައްދަލުވުމެކެވެ.
ދިވެހިރާއްޖޭގެ ވަފުދު މި ބައްދަލުވުމުގައި އިސްކޮށް ތަމްސީލުކުރައްވަނީ އދ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު އެވެ. އަދި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން އެ މަނިކުފާނު ތަޤުރީރުކުރައްވާނެ ކަމަށް ވެއެވެ.
އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސް ފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުން ބޭއްވޭ މި ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވަނީ ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާއިންނެވެ. ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި މަޝްވަރާކުރެވޭނެއެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙައާއި ހަމަޖެހުމާއި އަދުލު އިންޞާފު ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން ދޭ އެއްބާރުލުމުގެ ރަމްޒެކެވެ. އަދި އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް އަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރަމުން ދެއެވެ.
ރިއެކްޓް



