އިންތިޚާބުތަކަށް ބޮޑު ޚަރަދު ހިނގާ ވާހަކަ ސަރުކާރުން ދައްކަނީ ޚުދުމުހުތާރު ވެރިކަމެއް ކުރަން: ފައްޔާޒް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންތިޚާބުތަކުގެ ޚަރަދުތައް ބޮޑުވާ ވާހަކަދައްކަނީ ޚުދުމުހުތާރު ވެރިކަމެއް ކުރުމުގެ ބޭނުމުގައި ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ ފައްޔާޒް ފައްޓަވާފައިވާ "ރީބޫޓް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ދައްކާ ބަހަނާއަކީ އިންތިޚާބުތަކުގެ ޚަރަދު ބޮޑު ވާހަކަ ކަމަށާއި މިއީ ޚުދުމުޚުތާރު ވެރިން ދައްކާ ވާހަކައެއް ކަމަށެވެ.
"މިއަދުގެ ސަރުކާރުން ވަރަށް އިދިކޮޅުކަން ދައްކާ އިންތިޚާބަކަށް ޚަރަދު ދާވަރު. ބައްލަވާ އެއީ ސީދާ ޚުދުމުހުތާރު ވެރިން ދައްކާ ވާހަކަ. ސާޅީސް މިލިއަން ރުފިޔާ އިންތިޚާބަކަށް ޚަރަދުކުރަން ބޮޑުވެގެން މި އުޅެނީ ރައްޔިތުންގެ ވިސްނުން ހުރި ގޮތް. މިސާލަކަށް ދެވަނަ ރައުންޑެއްގެ ވާހަކަ ނޫނީ ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބާއި ވަކިން ބޭއްވީމަ ޚަރަދު ބޮޑުވެގެން މި އުޅެނީ މި ސަރުކާރަށް. އެކަމަކު އެއަރޕޯޓުގައި ކުޑަކުޑަ ޓަރމިނަލްގެ ކުޑަކުޑަ ތަންކޮޅެއް ހުޅުވައިލައި، ހަ މިލިއަން ޑޮލަރު އެއްދުވަހުގެ މަސައްކަތަށް ދޫކޮށްލަން އެންމެ ރަނގަޅު. އެހެންވީމާ، ތާކުންތާކުނުޖެހޭ. ރައްޔިތުންގެ ނިންމުންތައް ހޯދުމަށްޓަކައި ޚަރަދުކުރަންޖެހޭ ފުރަތަމަ ކަމަކަށް އަޅުގަނޑުގެ ވާހަކައަކީ. ޚަރަދު ބޮޑުވިޔަސް ކުރަންޖެހޭ."
ފައްޔާޒް ވާހަކަފުޅުގައި ޚަރަދުކުޑަ ކުރަން ބޭނުން ވާހަކަ ދައްކަމުން ސަރުކާރުން ބޭކާރު ޚަރަދު ކުރާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ސަރުކާރުން ކުރަން ނުޖެހޭ ބޭކާރު ޚަރަދު ކޮށްފައިވާކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒްގެ ވާހަކަ ފުޅުގައި ޤައުމީ ކަންކަމާއި ޚާއްސަކޮށް ސިޔާސީ މީހުން އެކި މަޤާމުތަކަށް އައްޔަންކުރުމަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ޑައިރެކްޓް ޑިމޮކްރަސީއެއް އެކްސަސައިޒް ކުރުމަށް ގިނަ ކަންތައްތަކަކަށް ބަދަލު ގެންނަންޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ޤާނޫނުއަސާސީއަށް ގެންނަ ބަދަލުތަކުގައި އެކަންޏެއް ނޫން ތި ވިދާޅުވިހެން ނޫނިއްޔާ މަޖިލިސް މެންބަރުން ނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާ އައުމުގެ އެކަންޏެއް ނޫން ރައްޔިތުންގެ ބައިވެރިވުން އޮންނަންވީ. އަސްލު ރައްޔިތުންގެ ބައިވެރިވުން އެބަ އޮންނަންޖެހޭ އިނގޭތޯ. ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް މި ކިޔެނީ ރައްޔިތުން ފޫހިވެގެން ދެން ސިޔާސީ ކަމެކޭ ތީ. ނޫނޭ. ސިޔާސީކަމުންނޭ ރައްޔިތުން ދިރި މިތިބެނީ. ސިޔާސީ މީހުން ނިންމާނިންމުމޭ ރައްޔިތުން ޢަމަލުކުރަން މި ޖެހެނީ. އެހެންވީމާ، ރައްޔިތުންގެ ބައިވެރިވުން އެބަ އޮންނަންޖެހޭ. ކޮންމެ ކަމެއް ވެސް އެބަ އޮންނަންޖެހޭ އިނގޭތޯ. ވީވަރަކުން އެބަ އޮންނަންޖެހޭ." ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރަމުން ފައްޔާޒް ވިދާޅުވިއެވެ.
ރިއެކްޓް



