ރަސްމީ މަޝްވަރާތަކަށް ޑިސަނާޔަކެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ބާއްވަވާ ރަސްމީ މަޝްވަރާތަކަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަންނަވައިފިއެވެ.
ޑިސަނާޔަކެ ރައީސް އޮފީހަށް ވަޑައިގަންނަވާފައިވަނީ ރަސްމީ ޢިއްޒަތުގައި ހަތްކޮޅުގައެވެ. ޑިސަނާޔަކެ އަށް ރިޔާސީ ކުރުނީހާއެކު ރަސްމީކޮށް މަރުހަބާދެންނެވުމަށް ޖުމްހޫރި މައިދާނުގައި ބޭއްވުނު ރަސްމިއްޔާތަށްފަހުއެވެ.
ދެޤައުމުގެ ދެމެދުގައި ބޭއްވޭ މަޝްވަރާތަކުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މަޝްވަރާތަކާއި ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކުރެވޭނެއެވެ.
ރަސްމީ މަޝްވަރާތަކަށްފަހު ދެޤައުމުގެ ދެމެދުގައި ދެ ފަހުމުނާމާއެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެ ފަހުގައި ރައީސް ޑރ. މުޢިއްޒާއި ރައީސް ޑިސަނާޔަކެ ގުޅިގެން ދެެއްވާ ޕްރެސް އެއް އޮންނާނެއެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ޚާއްޞަކޮށް މި އަހަރަކީ ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރި ތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށްލެވެއެވެ.
ދެ ޤައުމުގެ މެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ މި ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ އެކުވެރިކަން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
ރިއެކްޓް



