ޚަބަރު

ސްރީލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ކިޔައިފި

ޖުލައި 28, 2025 - 16:21
ޖުލައި 28, 2025 - 17:38
 0
ސްރީލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ކިޔައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރިޔާސީ ކުރުނީހާއެކު ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ ރައީސް ޑިސަނާޔަކެ އަށް 21 ބަޑީގެ ސަލާމް އަރުވާފައެވެ.

ރައީސް ޑިސަނާޔަކެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން އިސްތިގުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ މަރުހަބާ ދެންނެވުމަށްފަހު، ރައީސް ޑިސަނާޔަކެ އާއި އެމަނިކުފާނާއެކު ވަޑައިގެންނެވި އިސް އޮފިޝަލުންގެ ވަފުދުން ވަނީ ރާއްޖޭގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްވަރާތަކާއި ދަތުރުފުޅުގައި ނިންމެވޭ ނިންމެވުންތަކުގެ މައްޗަށް ބިނާކޮށް، ދެ ރައީސުން ގުޅިފައިވާ ބަޔާނެއް ދެއްވުމަށާއި ދެ ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ޚާއްޞަކޮށް މި އަހަރަކީ ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރި ތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށްލެވެއެވެ.

ދެ ޤައުމުގެ މެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ މި ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ އެކުވެރިކަން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0