ޚަބަރު

ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައި ދަނޑިއަށް

ޖުލައި 28, 2025 - 14:29
 0
ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައި ދަނޑިއަށް

ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ގަލޮޅު ފިޔާތޮށިގޭ ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާދަމާ 29 ޖުލައި 2025 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައެވެ. އަދި އެމަނިކުފާނުގެ ޖަނާޒާ ބޭއްވުމަށް ވަނީ ރަސްމީ އިއްޒަތުގައި ހަމަޖެހިފައެވެ.

ރައީސް އޮފިހުން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް ހަމަޖެހިފައިވާ ކަށު ނަމާދުގެ ކުރިން، އިސްލާމީ މަރުކަޒުގައި މޫނު ދެއްކުން އޮންނާނެއެވެ.

73 އަހަރުގެ ސޯބިރު އަވަހާރަވެވަޑައިގެންނެވީ ޓްރީޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅާ އުޅުއްވަނިކޮށެވެ.

38 އަހަރަށްވުރެ ދިގު މުއްދަތެއްގެ އިޚްލާޞްތެރި ޚިދުމަތް

ހަސަން ސޯބިރަކީ 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށާއި ޤައުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާތަކުގައި އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރެވެއެވެ.

1978 ގައި ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަޤާމާ ހަވާލުވެވަޑައިގަތް ސޯބިރު، 1985 ވަނަ އަހަރުގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ހިންގުމުގައްޔާއި، ޚާރިޖީ ދާއިރާގައިވެސް އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރެވެއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ 4 ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ޢައްޔަންކުރެއްވީ، ޙަސަން ޞާބިރެވެ. އެ މަގާމުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް ޙަސަން ޞާބިރު ކޮށްދެއްވީ މަތިވެރި ޚިދުމަތްތަކެކެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި، 1500 ޓަނުގެ މަސްފިނި ކުރެވޭ ކާރުޚާނާއެއްގެ ބިންގާ،
ގއ. ކޫއްޑޫގައި އަޅުއްވައިދެއްވުމާއި، ރާއްޖޭގައި އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުން ހިމެނެއެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން، ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި، އާންމު ފަރާތްތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރައްވަން ފެށްޓެވީ، ޙަސަން ޞާބިރުގެ ވަޒީރު ކަމުގައެވެ.

ރައީސް މައުމޫން ފެށްޓެވި ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޙަސަން ޞާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް ޢައްޔަންކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. އެ މަނިކުފާނުގެ ވަޒީރުކަމުގައި އިތުރު ކެޕޭސިޓީ ބިލްޑް ކުރެއްވުމަށާއި، "ސަނީ ސައިޑް އޮފް ލައިފް"ގެ މޮޓޯގެ ދަށުން ކުރެއްވި އަގުހުރި ޚިދުމަތް ފާހަގަކޮށްލަން ޖެހެއެވެ. ސާސް ރޯގާއާއި، ނައިން އިލަވަންގެ ހާދިސާއާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެރި ލޮޅުންތަކުގައި، ޙަސަން ޞާބިރުގެ ޙިކްމަތްތެރިކަމާއި، ހަރުދަނާ ވިސްނުންފުޅުގެ ފުރިހަމަކަން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރީ، ޝުކުރާއި ތަޢުރީފު ޙައްޤުވާ މިންވަރަށެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން އިޝްތިހާރު ކުރައްވައި، ބޭރުމީހުން ރާއްޖެއަށް ޝައުޤުވެރިކުރުވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ހަނދާންކޮށްލަން ޖެހެއެވެ.

ރައީސް މައުމޫންގެ ރިޔާސީ 6 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ޙަސަން ޞާބިރު ޢައްޔަންކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރެއްވުމަށްފަހު، ޙަސަން ޞާބިރުގެ ޚިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ޚާރިޖީ ދާއިރާއިންނެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭރުގެ އެހީ ހޯއްދެވުމަށްޓަކައި ޙަސަން ޞާބިރު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ވަރަށް މުހިއްމު މަސައްކަތްޕުޅުތަކެކެވެ.

ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް 31 އޮކްޓޫބަރު 2007 ގައި ޙަސަން ޞާބިރު ޢައްޔަންކުރެއްވިއެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށް، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ.

ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް 5 މާރިޗު 2019 ގައި ޙަސަން ޞާބިރު ޢައްޔަންކުރެއްވުމާ ގުޅިގެން، ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ރާއްޖެއިން ފޮނުވާ ތަކެތީގެ ޑިއުޓީ މާފުކުރެއްވުމަށާއި، ޔޫރަޕިއަން ޔޫނިއަނާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ޞާބިރު ކުރެއްވިއެވެ.

ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޙަސަން ޞާބިރު ޢައްޔަންކުރެއްވީ 30 މޭ ގައެވެ. 17 ނޮވެންބަރު 2023 ގައި އުފެދުނު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައިވެސް ޙަސަން ޞާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ޙަސަން ޞާބިރު، ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ޚިދުމަތް ކުރައްވާފައެވެ.

ޙަސަން ޞާބިރަކީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 24 ފެބުރުވަރީ 2000 ން 27 ފެބުރުވަރީ 2005ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެކެވެ. އެހެންކަމުން، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައިވެސް ޞާބިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ.

ޙަސަން ޞާބިރު އަވަހާރަވިއިރު އަނބިކަނބަލަކާއި، ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0