މާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލި މީހާ ހައްޔަރުކޮށްފި

ލ. މާވަށުގައި މިއަދު ހެނދުނު ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މީހަކު މަރާލި ހާދިސާއާ ގުޅިގެން ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29 އަހަރު) ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާއާ ގުޅޭ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:12 ގައެވެ. މި ހާދިސާގައި މަރުވެފައިވަނީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29 އަހަރު) އެވެ. އޭނާއަށް ވަޅީގެ ހަމަލާ އަމާޒުވެފައިވަނީ ކަރަށެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިއުމުގެ ކުރިން ވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ދައްކާ ގޮތުގައި މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެކެވެ. މި ހާދިސާއާ ގުޅިގެން ހައްޔަރުކުރެވުނު މުހައްމަދު އިބްރާހިމްއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
މަރުވި މޫސާ އިބްރާހިމްގެ ހަށިގަނޑު މިވަގުތު ބަހައްޓާފައިވަނީ މާވަށު ސިއްހީ މަރުކަޒުގައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް



