ޓާމިނަލް ހުޅުވަން އެރުވި ހަވަޔާއެކު އެމްއޭސީއެލް ދުނިޔޭގެ ރިކޯޑް ފޮތަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ދުނިޔޭގެ ރެކޯޑެއް ހާސިލުކޮށްފިއެވެ.
އެންމެ ގިނަ ސަރަހައްދުގައި އެއްފަހަރާ އެއްވަގުތެއްގައި ހަވާ އެރުވުމުގެ މި ރެކޯޑް ހާސިލުކުރެވުނީ ހުޅުލެ، މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭގޮތަށް 19 ސަރަހައްދެއްގައި މިއުޒިކާއެކު އެއްފަހަރާ ހަވާ އެރުވުމުންނެވެ. މި ރެކޯޑްގެ ލިޔުން އެމްއޭސީއެލްއާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑްސްގެ އެޑްޖޫޑިކޭޓަރ އެމްބާލީ އިންކޯސީއެވެ.
މިއީ ގިނިސް ވޯލްޑް ރެކޯޑްސްގެ މުޅިން އައު ކެޓަގަރީއެއްގައި ހާސިލުކުރެވުނު ރެކޯޑެކެވެ. ރެކޯޑް ހާސިލުކުރުމަށް އެންމެ މަދުވެގެން 5 ތަނެއްގައި ސިންކްރޮނައިޒްޑް ހަވާ އެރުވުން ޝަރުތުކުރި ނަމަވެސް، އެމްއޭސީއެލްއިން ވަނީ 19 ތަނެއްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.
މި ރެކޯޑް ހާސިލުކުރުމުގައި 32 ވިޓްނަސުން ބައިވެރިވެ، ގިނިސް ވޯލްޑް ރެކޯޑްސްގެ ގައިޑްލައިންތަކާ އެއްގޮތަށް ހަރަކާތް ކުރިއަށްދިޔަކަން ކަށަވަރުކޮށްފައިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މި ތާރީޚީ ހަރަކާތް ފާހަގަކުރުމަށް ހަވާގެ ކުޅިވަރުގެ އިތުރުން ތިއޭޓަރ ޕަރފޯމަންސްއަކާއި، ލައިޓް ޝޯވއަކާއި، ލައިވް ޑްރޯން ޝޯވއެއްވެސް ބޭއްވުނެވެ.
ރިއެކްޓް



