ޚަބަރު

ނިޝާން ޢިއްޒުއްދީންގެ ޝަރަފު 3 ބޭފުޅަކަށް އަރުވައިފި

ޖުލައި 27, 2025 - 10:54
 0
ނިޝާން ޢިއްޒުއްދީންގެ ޝަރަފު 3 ބޭފުޅަކަށް އަރުވައިފި
ނ.ޢ.ޢ.ވ ގެ ޝަރަފު ޤާސީމް އިބްރާހިމަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) ތިން ބޭފުޅަކަށް އަރުވައިފިއެވެ.

މި ތިން ބޭފުޅުންނަކީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ޞާބިރާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި މި ތިން ބޭފުޅުންނަށް މި ޢިއްޒަތް އެރުވުނެވެ. މުއުތަސިމް އަދުނާނަށް މި ޢިއްޒަތް އެރުވުނީ ޝަރުޢީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ކޮށްދެއްވި މުހިންމު މަސައްކަތްތަކަށް ޓަކައެވެ. އެންމެ ދިގު މުއްދަތަކަށް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުއުތަސިމް، މި މަހުގެ 20 ވަނަ ދުވަހު ވަނީ މަޤާމުން ރިޓަޔަރ ކުރައްވާފައެވެ.

ހަސަން ޞާބިރަށް މި ޢިއްޒަތް އެރުވުނީ ފަތުރުވެރިކަމާއި އިޤްތިޞާދީ ދާއިރާއިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ޞާބިރަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަމާއި ޓުއަރިޒަމް މިނިސްޓަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އެކި ޤައުމުތަކުގައި ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރުކަމާއި ސަފީރުކަން ވެސް ކުރައްވާފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 1969 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވާފައިވާ ގާސިމް އިބްރާހީމް، ވިޔަފާރީގެ ދާއިރާއިން ވެސް ޤައުމަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

މި ތިން ބޭފުޅުންނަށް މި ޢިއްޒަތް އެރުވުމަކީ، އެ ބޭފުޅުން ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޔާންކުރައްވާފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0