އަޅުގަނޑުގެ މައިގަނޑު ސިޔާސަތަކީ ދިވެހިން އިސްކުރުން: ރައީސް

ރައީސް މުޢިއްޒުގެ މައިގަނޑު ސިޔާސަތަކަށް އަބަދުވެސް ވާނީ ދިވެހިން އިސްކުރުންކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިވަންކަމަކީ ބުރަ އަދި ޤައުމީ މަސައްކަތުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ހޯދިފައިވާ އެއްޗެއްކަމަށް ފާހަގަކުރައްވައި، "މިނިވަންކަން ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އެކަން ދެކިގެން" ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެނޫން ގޮތަކަށް މިނިވަންކަން ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްނުދެވޭނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޤައުމީ ލޯބި އިސްކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުން، ސަރުކާރުން ކުރާ މަސައްކަތާ އެއްގޮތަށް ފަރުދީ ގޮތުން ކުރާ މަސައްކަތްވެސް މުހިއްމުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކަށް އަބަދުވެސް ވާނީ ދިވެހި ރައްޔިތުން އިސްކުރުން ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ބޭރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގައިވެސް އިސްކަންދެއްވާނީ ރާއްޖެއަށް ފައިދާވާނެ ކަންކަމަށްކަން ރައީސް ފާހަގަކުރެއްވިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އަލިއަޅުވާލެއްވީ ޤައުމީ މަސްލަހަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ.
މި ޖަލްސާގައި 3 ބޭފުޅަކަށް ދައުލަތުގެ މަތީ އިއްޒަތް އަދި އެއް ބޭފުޅަކަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އަރުވާފައެވެ.
ރިއެކްޓް



