ޚަބަރު

ރާއްޖެއިން އިންޑިއާ އާއެކު 5 ފަހުމުނާމާ އަދި 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

ޖުލައި 25, 2025 - 18:18
ޖުލައި 25, 2025 - 18:42
 0
ރާއްޖެއިން އިންޑިއާ އާއެކު 5 ފަހުމުނާމާ އަދި 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
ފޮޓޯ: ވިރާސީ

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް 5 ފަހުމުނާމާއަކާއި މުހިންމު 3 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ފްރީ ޓްރޭޑް އެއްބަސްވުމާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން، އަދި ޑޮލަރު ކްރެޑިޓް ލައިން އެއްބަސްވުމެވެ.

އަދި މީގެ އިތުރުން، މަސްވެރިކަން ތަރައްޤީކުރުމާއި، ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ފޯރުކޮށްދިނުމާއި، ތިމާވެށީގެ ދާއިރާ ތަރައްޤީކުރުމާއި، ޑިޖިޓަލައިޒޭޝަން އަދި އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމާ ގުޅޭ ފަހުމުނާމާތައް ވެސް ހިމެނެއެވެ.

އިންޑިއާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ. ދިވެހިރާއްޖޭގެ ފަރާތުން އެކި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކަމާގުޅޭ ވުޒާރާތަކުގެ ވަޒީރުންނެވެ. މިގޮތުން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް، އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިޤް އިބްރާހީމް، ހޯމް މިނިސްޓަރު ޢަލީ އިޙްސާން އަދި ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް ހިމެނިވަޑައިގަންނަވައެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި މުޖުތަމަޢަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0