ޚަބަރު

އިންޑިއާ އިން ކުރިން ދެއްވި 450 މިލިއަން ޑޮލަރު އަދިވެސް ބާކީ ހުންނާނެ: ސޯލިހް

ޖުލައި 25, 2025 - 14:47
ޖުލައި 25, 2025 - 15:22
 0
އިންޑިއާ އިން ކުރިން ދެއްވި 450 މިލިއަން ޑޮލަރު އަދިވެސް ބާކީ ހުންނާނެ: ސޯލިހް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް --- ފޮޓޯ: ވިރާސީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ވެރިކަމުގައި (2018-2023) އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން 450 މިލިއަން ޑޮލަރު އަދިވެސް ބޭނުން ނުކޮށް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދިވެހިރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، މި ފައިސާއަކީ މާލޭ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރ ހޮސްޕިޓަލަށާއި، މިފްކޯ އެކްސްޕެންޝަން މަސައްކަތަށް ކަނޑައަޅާފައި ހުރި ފައިސާއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވޭ ރަސްމީ ވާހަކަތަކުގައި، މި ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ކުރީގެ ރައީސް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރުމަށް 2018 ވަނަ އަހަރު ދެއްވި ލޯނެކެވެ. ވެރިކަން ބަދަލުވުމަށްފަހު އެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަށަން ހުރި މަޝްރޫޢުތައް ކެންސަލްވެ އަދި ބަދަލުވުމާ ގުޅިގެން ބާކީ 450 މިލިއަނާއި 500 މިލިއަނާއި ދެމެދުގެ އަދަދެއް ބާކީ ހުރިކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ވިރާސީ" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި ކުރިން ދެއްވާފައިވާ ލޯނުގެ ދަށުން ބާކީ ހުރި ފައިސާ ބޭނުންކުރާނެ ގޮތާ މެދުވެސް މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0