ޚަބަރު

ދެޤައުމުގެ ގުޅުން އާ އުސްމިންތަކަށް އުފުލިގެން ދާނެކަން ޔަޤީން: މޯދީ

ޖުލައި 25, 2025 - 12:49
 0
ދެޤައުމުގެ ގުޅުން އާ އުސްމިންތަކަށް އުފުލިގެން ދާނެކަން ޔަޤީން: މޯދީ
ނަރެންދުރަ މޯދީ އަދި ރައީސް ޑރ. މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަށް އުފުލިގެންދާނެކަން ޔަޤީންވާ ކަމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

މޯދީ މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމަށްފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން،" މޯދީ ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ރަތް ދޫލައި ހާއްސަ މަރުހަބާއެއް ދަންނަވާފައެވެ. އެއާޕޯޓުން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ރައީސް ޑރ. މުއިއްޒެވެ. އަދި ރައީސްއާއެކު ކެބިނެޓް ވަޒީރުން މޯދީއަށް މަރުހަބާ ދެންނެވުމަށް ރައީސްއާއެކު ބައިވެރިވެވަޑައިގަތެވެ.

ބޮޑު ވަޒީރު މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު މެންދުރު ފަހު ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ. އޭގެ ފަހުން ރައީސް އޮފީހުގައި ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން ދެ ޤައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްފަހު ޖޮއިންޓް ޕްރެސް އެއް އޮންނާނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޑރ. މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އިތުރު އެއްބާރުލުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއީ ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ 3 ވަނަ ރަސްމީ ދަތުރުފުޅެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0