އޮޅުހިޔާއަށް އިތުރު 25 ބުޅާ އިތުރުކޮށްފި

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލަ ހައްލުކުރުމަށް ހަދާފައިވާ އޮޅުހިޔާއަށް އިތުރު 25 ބުޅާ ނަގާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
މަގުމަތީގައި އުޅޭ ބުޅާތަކާ މެދު ޢަމަލުކުރާނެ ގޮތުގެ ސާކިއުލާއެއް އެ ވުޒާރާއިން އިއްޔެ ނެރުއްވާފައިވެއެވެ. މިއީ މަގުމަތީގައި އުޅޭ ބުޅާތައް އޮޅުހިޔާއަށް ނުގެންދާތީ، އާންމުންނަށް އުނދަގޫވެ، ބައެއް ފަރާތްތަކުން ބުޅާތަކަށް ގޯނާކުރާކަމުގެ ޝަކުވާތައް އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އިއްޔެގެ ނިޔަލަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ 25 ބުޅާ މިވަގުތު ބަހައްޓާފައިވަނީ އޮޅުހިޔާގެ ކަރަންޓީން ރޫމްގެ ކޭޖުތަކުގައެވެ. އަދި މި ބުޅާތަކުގެ ތެރެއިން ގިނަ ބުޅާތަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، ބައެއް ބުޅާތަކުގެ ކިބައިގައި ތަފާތު ބަލިތައް ހުރިކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އޮޅުހިޔާގައި ބުޅާ ކަރަންޓީނު ކުރުމަށް ޚާއްސަކޮށްފައިވާ ސަރަހައްދު މިހާރު ވަނީ ފުރިފައެވެ. އެހެންކަމުން، އިތުރު ބުޅާތައް އޮޅުހިޔާއަށް ގެންދެވޭނީ ކަރަންޓީން ރޫމްގައި އިތުރު ކޭޖްތަކެއް ހެދުމަށްފަހުގައި ކަމަށާއި، އެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، އޮޅުހިޔާ ފެސިލިޓީއާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ހަވާލުވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
ރިއެކްޓް



