ޚަބަރު

މިނިވަން ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވާނީ މާލެއާއި ހުޅުމާލޭގައި

ޖުލައި 24, 2025 - 20:20
 0
މިނިވަން ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވާނީ މާލެއާއި ހުޅުމާލޭގައި
ސިފައިންގެ އަހަރީދުވަހު ބޭއްވި ޕެރޭޑުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންތިޒާމުކުރާ މަގުމަތީ ހިނގާލުން މި އަހަރު ބާއްވާނީ މާލެއާއި ހުޅުމާލޭގައި ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި މާލޭގައި ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވޭ މާޗް ޕާސްޓާއި ކުޅިވަރު ހަރަކާތްތަކާ އެކުގައެވެ. އަދި ހުޅުމާލޭގައި ބާއްވާ ހިނގާލުން ފަށާނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ.

އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީގެ މެހިތަރުކަމުގެ ދަށުން ކުރިއަށްދާ މި ހިނގާލުމުގައި މިލިޓަރީ ބޭންޑާއެކު ފަސް ގެމައެއް ހިމެނޭނެއެވެ. މާލޭގައި ބާއްވާ ހިނގާލުން ފަށާނީ ވެލާނާގޭ ކަންމަތިންނެވެ. އަދި ލަޝްކަރު ފަސް ސަރަހައްދެއްގައި މަޑުކޮށްލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ލަޝްކަރު މަޑުކޮށްލާ ސަރަހައްދުތަކުގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމަތި ހިމެނެއެވެ. މި ސަރަހައްދުތަކުގައި މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ.

ހުޅުމާލޭގައި ބާއްވާ ހިނގާލުން ފަށާނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ. އަދި ސެންޓްރަލް ޕާކް އިރުމަތި އެންޓްރަންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތުގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހިނގާލުމުގައި ސިފައިންގެ އިތުރުން ސްކޫލުތަކުގެ ކެޑޭޓުންވެސް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0