ޚަބަރު , ސިޔާސީ

މޯދީގެ ދަތުރުން ފެނިގެންދަނީ އިންޑިޔާއިން ދިވެހިންނަށް ކުރާ އިޙްތިރާމް: ރައީސް ސާލިހު

ޖުލައި 24, 2025 - 19:19
 0
މޯދީގެ ދަތުރުން ފެނިގެންދަނީ އިންޑިޔާއިން ދިވެހިންނަށް ކުރާ އިޙްތިރާމް: ރައީސް ސާލިހު
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު -- ފޮޓޯ: ވިރާސީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުން އެނގިގެންދަނީ އިންޑިޔާއިން ދިވެހިންނަށް ކުރާ އިޙްތިރާމުގެ ބޮޑުކަން ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވީ މޯދީގެ ދަތުރުފުޅާ ބެހޭ ގޮތުން ނެރުއްވި ނޫސްބަޔާނެއްގައެވެ.

ރައީސް ޞާލިޙް ނެރުއްވި ނޫސްބަޔާނުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހޫނު މަރުޙަބާ ދަންނަވަމުން ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ 60 ވަނަ އަހަރީ ފާހަގަކުރުމުގެ ރަސްމީ ޙަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މޯދީ ވަޑައިގަތުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާފައިވެއެވެ.

"ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގިނަ ދާއިރާތަކުގެ ދެމެހެއްޓެނިވި ގުޅުމުގެ ހެއްކެކެވެ. މިފަދަ މަތީ ފެންވަރުގެ ދަތުރުފުޅެއް ކުރެއްވުމަކީ އިންޑިޔާއިން ދިވެހި ރައްޔިތުންނަށް ކުރައްވާ އިޙްތިރާމުގެ ބޮޑުކަން ދައްކުވައިދޭ ކަމެކެވެ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ، ސިޔާސީ ގޮންޖެހުންތަކުގެ ތެރެއިންވެސް، އިންޑިޔާއަކީ ދިވެހިރާއްޖެއަށް އިތުބާރުހުރި، ޒަމާންވީ ރަޙްމަތްތެރިއެއްކަން މި ދަތުރުފުޅުން ޔަޤީންކޮށްދޭ ކަމަށެވެ. އަދި މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅަކަށްވެ، ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ވިދާޅުވިއެވެ.

އަދި މީގެ ިއތުރުން ރާއްޖެއާއި އިންޑިއާއާއި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ދެމިގެންދިއުމަށް އުއްމީދުކުރައްވާ ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0