ޚަބަރު

އެކްސިޑެންޓް ވުމުން މަޑުނުކޮށް ފިލި ދެމީހަކު ހޯދަނީ

ޖުލައި 24, 2025 - 14:04
 0
އެކްސިޑެންޓް ވުމުން މަޑުނުކޮށް ފިލި ދެމީހަކު ހޯދަނީ
-- ފުލުހުން ޢާއްމުކުރި ވީޑިއޯގެ ސްކްރީންޝޮޓެއް

ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ދިޔަ ދެމީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މި މައްސަލައަކީ މިހާރު ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. އެކްސިޑެންޓް ހިނގި ވަގުތު މަޑުނުކޮށް ދިޔަ ދެމީހުންނަކީ ކޮން ބައެއްކަން އަދި ދެނެގަނެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ހޯދަން ބޭނުންވާ މީހުންގެ ވީޑިއޯ ޢާއްމުކޮށްފައެވެ. އަދި މި ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައިވެއެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މި މައްސަލައިގައިވެސް ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު ފާޅުކޮށްފައިވެއެވެ.

އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ދިއުމަކީ ގާނޫނީ ގޮތުން ކުށެއްކަމަށްވާއިރު، މިފަދަ ހާދިސާތަކުގައި ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0