އެއާޕޯޓްގެ އިމަޖެންސީ ރެސްޕޮންސް ޑްރިލްއެއް އާ ޓާމިނަލްގައި ކުރިއަށް ގެންގޮސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީގެ ތެރެއިން، އެއާޕޯޓް އިމަޖެންސީ ސާވިސަސްގެ ފަރާތުން އިމަޖެންސީ ރެސްޕޮންސް ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ކުރިއަށް ގެންދެވުނު މި ޑްރިލްގައި އިމަޖެންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ޓެސްޓްކޮށްފައެވެ. މީގެ ތެރޭގައި ފަސިންޖަރުންނަށް ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމްބިއުލަންސް މެދުވެރިކޮށް އަވަސް ފަރުވާގެ ހިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަތުން ހިމެނެއެވެ.
އެމަޖެންސީ ސާވިސަސްގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، އާ ޓާމިނަލަކީ ބައިނަލްއަގްވާމީ ފެންވަރުގެ ފަޔާ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީ ފެންވަރުގެ ރައްކާތެރިކަމުގެ ހިދުމަތްތައް ފޯރުކޮށްދެވޭނެ ޓާމިނަލްއެކެވެ. އެހެންނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރު ކަމެއް ކަމަށް ވެސް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.
މި ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މަސައްކަތް ވަނީ ޓެސްޓްކޮށްފައެވެ. އަދި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔާ ވާޑެނުންގެ ހަރަކާތްތައް ވެސް ވަނީ ބަލައި ޓެސްޓްކޮށްފައެވެ. މި ގޮތުން އާ ޓާމިނަލްގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުން ވަނީ ފަޔާ ވާޑެންގެ ގޮތުގައި ތަމްރީންކޮށްފައެވެ.
އެމްއޭސީއެލްއިން ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އެއާޕޯޓުގެ ހިދުމަތް ބޭނުންކުރައްވާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.
ރިއެކްޓް



