އަބްދުއްރަހްމާނުގެ ހަށިގަނޑު މިއަދު ވަޅުލަނީ، ޤާތިލު އަދިވެސް ނުހޯދޭ

މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު ގޭގައި ނިދާފައި އޮއްވާ ބަޔަކު ދިން އަނިޔާވެރި ޒަހަމްތަކުން ނިޔާވި އަބްދުއްރަހްމާންގެ ހަށިގަނޑު މިއަދު މެންދުރު ނަމާދަށްފަހު ވަޅުލުމަށް ނިންމައިފިއެވެ.
އަބްދުއްރަހްމާންގެ އާއިލާއިން މަޢުލޫމާތުދިން ގޮތުގައި އަބްދުއްރަހްމާނުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އިއްޔެގެ ވަގުތެއްގައި ވަނީ މާލެ ގެނެވިފައެވެ. އަދި މިއަދުގެ މެންދުރު ނަމާދަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު ވަޅުލާނެއެވެ.
އަބްދުއްރަހްމާނުގެ މަރަށް 11 ދުވަސް ވެފައިވާއިރު އަދިވެސް އަބްދުއްރަހްމާނަށް ހަމަލާދީ މަރާލި ގާތިލު ހޯދިފައެއް ނުވެއެވެ. މި މައްސަލާގައި ފުލުހުން މިހާތަނަށް ހާމަކޮށްފައިވަނީ ވަރަށް މަދު މަޢުލޫމާތެކެވެ. މިގޮތުން އަބްދުއްރަހްމާނުގެ ޤާތިލު ހޯދުމަށް އެކި އެންގަލްތަކުން ބަލަމުންދާކަމަށް ފުލުހުން ވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ.
މި މައްސަލައިގެ ތަހުޤީޤުގައި ސުވާލުކުރުމަށް ފުލުހުންގެ ޕޯސްޓަށް 5 މީހަކު ހާޒިރުކޮށް ސުވާލުކޮށްފައިވާކަން "ވިރާސީ" އަށް މާޅޮހުން މަޢުލޫމާތު ދިން މީހަކު ބުނެފައިވެއެވެ. މާޅޮހުން ވާހަކަދެއްކި މީހާ ބުނިގޮތުގައި އެ ފަސް މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ޢާއްމު ގޮތެއްގައި އަމާންކޮށް އޮންނަ މާޅޮހުގައި މިކަމުގެ ސަބަބުން ވަނީ ބޮޑު ބިރުވެރިކަމަކާއި ހާސްކަމެއް އުފެދިފައެވެ. މިގޮތުން ރަށުތެރޭގައި އަދިވެސް ގާތިލު އުޅޭނެކަމަށް ޤަބޫލުކުރެވޭތީ ގިނަ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ރިއެކްޓް



