ދެ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު ބާސާ އަށް

މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑެ، މާކަސް ރަޝްފޯޑު ދެ އަހަރުގެ ދުވަހުގެ އެއްބަސްވުމުގެ ދަށުން ސްޕެއިންގެ ބާސެލޯނާއަށް ސޮއިކޮށްފި އެވެ. ބާސެލޯނާގެ ރަސްމީ މީސް މީޑިއާގެ އެކައުންޓުތަކުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
އިނގެރޭސި ފޯވާޑް ބާސާ އަށް ބަދަލުވިއިރު ދެ އަހަރުގެ ދުވަހުގެ ލޯނު ނިމުމުން ބާސާ އަށް 35 މިލިއަން ޑޮލަރަށް ދާއިމީކޮށް ރަޝްފޯޑު ގަތުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. ރަޝްފޯޑާއި އެކު ބާސާގެެ ފޯވާޑް ލައިނުގައި ލަމީން ޔަމާލް، ރަފީނިއާ އަދި ލެވަންޑޮސްކީ ފަދަ ކުޅުންތެރިން ހިމެނޭނެ އެވެ.
ބާސާއިން ރަޝްފޯޑުގެ ސޮއި ހޯދި އިރު، މީގެ ކުރިން ބާސާއިން ވަނީ އެތްލެޓިކް ކްލަބްގެ ވިންގާ ނިކޯ ވިލިއަމްސް ގަންނަން މަސައްކަތްކޮށްފަ އެވެ. މިދިޔަ ދެ ސީޒަންގައި ނިކޯ ބާސާއަށް ބަދަލުވާންއުޅޭ ކަމުގެ ގިނަ އަޑުތަކެއް ފެތުރިފަ އޮތަސް، މި ޓްރާންސްފާ މާކެޓުގައި ނިކޯ ވަނީ އެތްލެޓިކް ކްލަބާއި އެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ވިދާލި ރަޝްފޯޑު ވަނީ އެ ކްލަބަށް 429 މެޗު ކުޅެ، 138 ގޯލު ކާމިޔާބުކޮށްދީފަ އެވެ. 2016 ވަނަ އަހަރު ސީޒަނަށްފަހު އޭރުގައި ކުޅުނު ފެންވަރުގައި ނުކުޅެވި، އެންމެ ފަހުން މިދިޔަ ސީޒަންގައި ޔުނައިޓެޑުން ވަނީ ރަޝްފޯޑު ލޯނަށް އެސްޓަން ވިލާއަށް ދޫކޮށްފަ އެވެ.
ރިއެކްޓް



