ޚަބަރު

މިލަދޫ މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފެށޭނެ: ރައީސް

ޖުލައި 23, 2025 - 18:23
 0
މިލަދޫ މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފެށޭނެ: ރައީސް
ރައީސް ޑރ. މުޢިއްޒު މިލަދޫ ކައުންސިލާއި މުވައްސަސާތަކާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މިލަދޫ މަގު ހެދުމުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މިލަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، ގިރާ ސަރަހައްދުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ ސްކޯޕް ކައުންސިލާއެކު ފައިނަލްކުރެވިގެންދާއިރު، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މޫދަށް އެރެވޭނެ ސަރަހައްދެއް ހެދޭގޮތަށް މަސައްކަތް ކުރިއަށް ގެންދަވަން ނިންމަވާފައިވެއެވެ.

މިލަދޫގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކަށް ބައްލަވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ފެނުގެ ނިޒާމާއި ހެލްތު ސެންޓަރުގެ މަސައްކަތްތައް ނިމެމުންދެއެވެ. އަދި މިހާރު 16 ގަޑިއިރަށް ޚިދުމަތްދެމުންދާ ހެލްތު ސެންޓަރަށް އިތުރު ނަރުހުން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދެއްވިއެވެ.

މީގެއިތުރުން، މިލަދޫގައި އަޅާ 50 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި، ރައްޔިތުން ބޭނުންފުޅުވާ ގޮތަކަށް، އެބޭފުޅުންގެ އަމިއްލަ ގޯތީގައި ނުވަތަ ވަކި ސަރަހައްދެއްގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިލަދޫގެ ތަރައްޤީއަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދެއްވާފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0