އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށެވެ.
ޖޭއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި ޖޭއެސްސީގެ "ފަހިރެސް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިތުރުން، ރަސްމީ ގަޑީގައި ޖޭއެސްސީގެ ކައުންޓަރަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ޕާސްޕޯޓް ސައިޒުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވުމާ ގުޅިގެން، ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުމާ ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ނިންމެވިކަން ޖޭއެސްސީއަށް އަންގަވާފައިވަނީ މިދިޔަ މެއި މަހުގެ 8 ވަނަ ދުވަހު ފޮނުއްވި ސިޓީއަކުންނެވެ.
ރިއެކްޓް



