ޚަބަރު

ޓާމިނަލް ހުޅުވާއިރު ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރަނީ

ޖުލައި 20, 2025 - 17:46
 0
ޓާމިނަލް ހުޅުވާއިރު ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ: ވިރާސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން، އެއާޕޯޓުގެ ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލްއިން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ، ޓާމިނަލް ހުޅުވާ ރޭ 8:30 އިން ފެށިގެން 10:00 އާ ހަމައަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުކުރެވޭނެ ކަމަށެވެ. މި ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ މި އާ ޓާމިނަލް ހުޅުވުމަށް ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް އެމްއޭސީއެލްއިން ވަނީ ނިންމާފައެވެ. މި ވަގުތު އެމްއޭސީއެލްއިން ދަނީ ޓާމިނަލް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ.

ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫއު ކަމުގައިވާ މި އާ ޓާމިނަލްއަކީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ޓާމިނަލްއެކެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ މި ޓާމިނަލް ހުޅުވިގެން ދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިގްތިސާދަށް، ޚާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެއް ކަމުގައި ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0