ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަނީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ނ. ހެނބަދޫ، ނޫރާނީމާގެ އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލު ކުރުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ޢަދުނާން ރިޓަޔަރ ކުރެއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީން ނިންމާފައިވާ ގޮތުގައި، ހޯމަ ދުވަހުން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައު ބޭފުޅަކު އައްޔަން ކުރެވެންދެން ސުޕްރީމް ކޯޓު ހިންގުމުގެ ޒިންމާ ފަނޑިޔާރު ހަމީދު އަދާކުރައްވާނެއެވެ.
މި ބަދަލު އައިސްފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވުމާ ގުޅިގެންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ވަނީ ހޮވިވަޑައިގެންފައެވެ.
ފަނޑިޔާރު ހަމީދަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ ގާޒީކަންވެސް އަދާކުރައްވާފައިވެއެވެ.
އެހެންނަމަވެސް، 2022 ވަނަ އަހަރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އޭނާ ވަކިކުރެވުނީ 2015 ވަނަ އަހަރު ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކުގެ ތެރެއިން ފްލެޓަކާ ހަވާލުވި ކަމަށް ބުނެވޭ މައްސަލައެއްގައެވެ.
ރިއެކްޓް



