ޚަބަރު

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި

ޖުލައި 20, 2025 - 12:11
 0
ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިއީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުރެވުނު ހައްޔަރުތަކެކެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލީޑް، މުހައްމަދު ހުމާމް ހަސަން ނައީމް (29 އަހަރު) އާއި މާލެ / މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53 އަހަރު) އެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓް ސަރަހައްދުންނެވެ.

މި މަހުގެ 18 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނުގައި، ހައްޔަރުކުރެވުނު ދެ މީހުން ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގްރާމެވެ.

މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުމާމް ހަސަން ނައީމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު، އަބްދުﷲ އިބްރާހިމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށް ގެންދަނީ ކުޅުދުއްފުށި ސިޓީ ފުލުހުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު މި އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމުގައި ފުލުހުން ފާހަގަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0