ތ. އަތޮޅުގައި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި

ތ. އަތޮޅު ވޭމަންޑޫގައި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ދިނުމަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާ ވަރަކުން ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދާޚިލީ ވުޒާރާއިން ދަނީ ކުރަމުންނެވެ.
މިހާރު ރާއްޖޭގެ 27 ރަށަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ޑީއެންއާރުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ފެށިފައިވަނީ 1984 ވަނަ އަހަރު އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ.
އެ އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަށް ބަދަލުކުރެވުނީ 11 ނޮވެމްބަރު 1993 ގައެވެ.
މިހާރު ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަސައްކަތް ފެށިފައިވަނީ ކޮވިޑާ ގުޅިގެން 2021 ގައެވެ. އަދި 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އަމިއްލައަށް ކާޑަށް އެދި ހުށަހެޅޭނެ އައު އޮންލައިން ޕޯޓަލްއެއް ވަނީ ތަޢާރަފުކޮށްފައެވެ.
އަތޮޅުތެރޭގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިފައިވަނީ ގއ. ވިލިނގިލީގައެވެ. މިހާރު ކާޑު ޕްރިންޓުކުރުމަށްފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވުމުގެ ޚިދުމަތްވެސް ދެމުން ގެންދެއެވެ.
ރިއެކްޓް



