ޚަބަރު

ދެ މީހުން ތިބި ޑިންގީ އެއް ބަންޑުން ޖަހާލައިފި

ޖުލައި 18, 2025 - 12:49
 0
ދެ މީހުން ތިބި ޑިންގީ އެއް ބަންޑުން ޖަހާލައިފި
ޑިންގީ އެއް ބަންޑުން ޖަހާލި ހާދިސާގައި ފުލުހުން ވަނީ އޭގެ ތެރޭގައި ތިބި ދެ މީހުން ސަލާމަތްކޮށްފައި --- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސަސް 

ގދ. މަޑަވެލި ކައިރިން ދަތުރު ކުރަމުން ދިޔަ ޑިންގީ އެއް ބަންޑުން ޖަހާލި ހާދިސާ އެއް މިއަދު ހިނގައި، އޭގެ ތެރޭގައި ތިބި ދެ މީހުން ސަލާމަތް ވެއްޖެއެވެ. 

މިއަދު ހެނދުނު 8:39 ގައި މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ގދ. މަޑަވެއްޔާ ދިމާއިން ދަތުރު ކުރަމުން ދިޔަ ޑިންގީ އެއް އޮޔާދާ ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ ޓީމެއް އެ ސަރަހައްދު ގައި ހަރަކާތްތެރި ވާން ފެށިއެވެ. 

ރިޕޯޓު ކުރެވުނު ޑިންގީ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ގަދަ ކަނޑުގައި އޮޔާ ދިޔަ އެހެން ޑިންގީ އެއް ސިފައިންގެ ޓީމަށް ފެނުނެވެ. އެ ޑިންގީގައި ދަތުރު ކުރަމުން ދިޔަ ދެ މީހުން ވެސް ހެނދުނު 11:40 ހާއިރު ސަލާމަތް ކުރެވިފައި ވާކަމަށް ފުލުހުން މައުލުމާތު ދިނެވެ. 

އެއީ 40 އަހަރު ދިވެހި ފިރިހެނަކާއި 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ހުޅަނގު މޫސުމުގެ ބާރު ގަދަވެ،  ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ޒަރޫރީ ބޭނުންތަކަށް މެނުވީ ކަނޑު ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0