ޚަބަރު

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަންނަ ހަފްތާގެ ހޯމަ ދުވަހު ރިޓަޔާ ކުރައްވަނީ

ޖުލައި 17, 2025 - 15:42
ޖުލައި 17, 2025 - 16:33
 0
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަންނަ ހަފްތާގެ ހޯމަ ދުވަހު ރިޓަޔާ ކުރައްވަނީ

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހުން ފެށިގެން އެ މަގާމުން ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި އެ މަނިކުފާނަށް އެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާ އެކު، އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށް ޝަރަފްވެރިކަމާ އެކު އެ މަގާމުން ވަކިވެވަޑައިގަންނަވާނެ އެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ.

އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ދެން ނިކުމެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު އެކަންޏެވެ. އަދި ހޯމަ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވާނީ ރިޓަޔާމެންޓްގައެވެ. މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ގާނޫނީ ކެރިއަރަށް ބަލާއިރު، އެ މަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ޑިސެމްބަރު 2019 ގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެވުނެވެ.

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް ހުށަހެޅުއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑް ކުރެވި، ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވާފައިވެއެވެ. އަދި ފަހުން އަޒްމިރަލްދާ އާއި މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އެ ދެ ބޭފުޅުން މަގާމުން ވަކިކުރެވިފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0