ރާއްޖޭގައި ގޫގުލް އެކައުންޓްތައް ހެކް ކުރުން އިތުރުވެ ސަމާލުވާން އެދިއްޖެ

ރާއްޖޭގައި ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، މިކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
މި މައްސަލަތަކުގައި ސްކޭމަރުން ބޭނުންކުރަނީ ގެދޮރުވެރިޔާ ޕޯޓަލްގެ ނަމުގައި ފޮނުވާ ސްކޭމް ލިންކްތަކެކެވެ.
ސައިބާ ކްރައިމް ސެންޓަރުން ހާމަކުރި ގޮތުގައި، "ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް" ކަމަށް ބުނެ ފޮނުވާ ލިންކްތަކަށް ފިތުމުން، ގޫގުލް އެކައުންޓަށް ލޮގިންވުމަށް އެދެއެވެ. ނަމަވެސް މިއީ ސްކޭމް ލިންކެއް ކަމަށާއި، މި ލިންކް މެދުވެރިކޮށް ލޮގިންވުމުން އެކައުންޓުގެ ޕާސްވޯޑް ސްކޭމަރުންނަށް ލިބޭނެ ކަމަށް އެ ސެންޓަރުން ވަނީ އިންޒާރުދީފައެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ގޫގުލް އެކައުންޓްތަކުގައި ޓޫ ފެކްޓާ އޮތެންޓިކޭޝަންހަރުކުރުމަށް ސައިބާ ކްރައިމް ސެންޓަރުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލަކީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކުރެވިފައިވާ ޕޯޓަލެއް ކަމަށާއި، އެ ޕޯޓަލުން އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސައިބާ ކްރައިމް ސެންޓަރުން ވަނީ މިފަދަ ލިންކެއް ލިބިއްޖެނަމަ ލަސްނުކޮށް 911 އަށް ރިޕޯޓުކުރުމަށް އާންމުންނަށް ގޮވާލާފައެވެ. ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވެ، ގިނަ ރައްޔިތުންނަށް މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރެވެއެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އެންޓި ސްކޭމް ސެންޓަރެއް ޤާއިމްކޮށް، މިފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އާންމު ރައްޔިތުން މިފަދަ ސްކޭމްތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ރިއެކްޓް



