ޚަބަރު

އަސްކޮއި ޖަމާޢާތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ އިތުރު މައްސަލައެއް ބަލަނީ

ޖުލައި 17, 2025 - 09:00
 0
އަސްކޮއި ޖަމާޢާތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ އިތުރު މައްސަލައެއް ބަލަނީ
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު -- ފޮޓޯ: މިނިސްޓްރީ

އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އަސްކޮއި ހައްޖު ގްރޫޕުން ލަނޑު ދިން މައްސަލަ އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

މިފަހަރުގެ މައްސަލައިގައި މި މަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ދަތުރު ކުރިއަށް ނުގެންގޮސް، ގަލްފު ހަނގުރާމައިގެ ސަބަބުން ދަތުރު ފަސްކުރިކަމަށް ބުނެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މި މައްސަލަ މިހާރު ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ. އަދި މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައި، ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

މީސް މީޑިއާގައި ފެތުރެމުންދާ މަޢުލޫމާތުތަކުގައިވާ ގޮތުން، އަސްކޮއި ގްރޫޕްގެ ވެރިފަރާތް ވަނީ ފޯނު ނިއްވާލައި ފިލައިގެން ގޮސްފައެވެ. މިއީ މި ގްރޫޕުން މިފަދަ ޢަމަލެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ. ރޭ އިރާކޮޅު ދަނބުރުއްމަގުގައި ހުންނަ "އަސްކޮއި މިނީ މާޓް" ކައިރިއަށް މިމައްސަލާގައި ލަނޑު ލިބުނު މީހުން އެއްވެ އަސްކޮއި ގްރޫޕުގެ ވެރިންނާއި ބައްދަލަުކުރަން މަސައްކަތް ކުރި ކަމަށްވެއެވެ. އަދި އެތަނަށް ފުލުހުން ގޮސް މަޢުލޫމާތު ނެގި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު މަޢުލޫމާތު ދިނެވެ.

މިދިޔަ މެއި މަހު ވެސް މިފަދަ މައްސަލައެއްގައި އަސްކޮއި ގްރޫޕް ވަނީ ލައްކައަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އޭރު ވެސް އުމްރާއަށް ގެންދަން ބައެއްގެ އަތުން ފައިސާ ނަގައި، އުމްރާއަށް ނުގެންގޮސް ލަނޑުދިނުމުގެ މައްސަލައެއް ރިޕޯޓުކުރެވުނެވެ. އަދި އިސްލާމިކް މިނިސްޓްރީން އޭރު އެންގީ އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް އަނބުރާ ދިނުމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިފަދަ މައްސަލަތައް އެ މިނިސްޓްރީން ވަރަށް ސީރިއަސްކޮށް ދަނީ ބަލަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0