ޚަބަރު

ފައްޔާޒް ޔާމީނަށް: ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމަކީ ރާއްޖޭގެ ވެރިއަކު ކުރި އެންމެ ދޯހަޅި ކަންތައް

ޖުލައި 16, 2025 - 13:52
ޖުލައި 16, 2025 - 14:07
 0
ފައްޔާޒް ޔާމީނަށް: ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމަކީ ރާއްޖޭގެ ވެރިއަކު ކުރި އެންމެ ދޯހަޅި ކަންތައް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް -- ފޮޓޯ: ވިރާސީ

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ނިންމި ނިންމުމަކީ ރާއްޖޭގެ ވެރިއަކު މިހާތަނަށް ނިންމި އެންމެ ދޯހަޅި ނިންމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވެފައިވަނީ، 2014 ވަނަ އަހަރު ރައީސް ޔާމީން އެގޮތަށް ޢަމަލު ނުކުރެއްވި ނަމަ، އަދި އެއާޕޯޓު ތަރައްޤީކުރުމަށް ނެގި ދަރަނިތައް ނުނަގާ ނަމަ، މިއަދު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ހުންނާނީ 4 މިލިއަނުން މަތީގައި ކަމަށާއި، ރާއްޖޭގެ ޖީޑީޕީ ހުންނާނީ މިހާރަށްވުރެ ދެގުނަ މަތީގައި ކަމަށެވެ.

"ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ،"ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިޤްތިޞާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. އަދި މިއަދު ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި މި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ "ތިމަން މަނިކުފާނަކީ މާމޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ" އެވެ. އަދި މިއީ 'ފްރަންޓޮނޮމިކްސް' ގެ އިޤްތިޞާދީ ވިސްނުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ ޕޯސްޓުގައި ރައީސް ޔާމީންގެ އިތުރުން ރައީސް މުޢިއްޒަށް ވެސް ފާޑު ވިދާޅުވިއެވެ.

"މިއަދު އެއަރޕޯޓު އެކުގައި ނުނިންމައި އެއެއަރޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްލާއިރު އެ ބޭކާރު ޚަރަދަށްވުރެ އެ އެއަރޕޯޓު ހަގީގަތުގައިވެސް އެކުގައި ނިންމުން މާ މުހިއްމު ނޫންބާވައެވެ؟" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ބާއްވަން ނިންމާފައިވާ ހަރަކާތްތަކަކީ ބޭކާރު ޚަރަދު ކަމަށް ސިފަ ކުރައްވާ ފައްޔާޒް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0