ޖުލައި 26 ގައި ހުރިހާ ރައީސުން އެއްތަނަކުން ފެނިދާނެ
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީ

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގެ އާ ޓާމިނަލް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް، ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
އެމްއޭސީއެލް ގެ މީޑިއާ ޓީމުން ކަށަވަރު ކޮށްދިން ގޮތުގައި މި ރަސްމިއްޔާތަށް ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ވަކި ވަކިން ދައުވަތު އަރުވާނެއެވެ.
ކުރީގެ ރައީސުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ރައީސް ޔާމީން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ވަހީދު، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް މައުމޫނު އަބްދުލްގައްޔޫމް މި ރަސްމިއްޔާތަށް ވަޑައިގެންފިނަމަ، މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެކީ، ހުރިހާ ރައީސުން އެއްތަނަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
"ރައްޔިތުންނާއި އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، މިހާރުގެ އެއާޕޯޓު ޓާމިނަލްގެ މަސައްކަތް ފެށުނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، އޭގެ ފަހުން ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ ވެރިކަމުގައި އިތުރު މަސައްކަތްތަކެއް ކުރެވި، އެމަނިކުފާނުގެ ސަރުކާރާ ހަވާލުވުމަށްފަހު ބާކީ ހުރި ހުރިހާ މަސައްކަތެއް ދޮޅު އަހަރުގެ ތެރޭގައި ނިންމާލެވުނު ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސުންގެ އިތުރުން، އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް މި ރަސްމިއްޔާތުގައި ދައުވަތު އެރުވޭނެއެވެ.
ރިއެކްޓް



