ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހުޅުވާލައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ފޯމު ބަލައިގަތުން ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޯމު ހުށަހެޅުއްވުމަށް ވަޑައިގަންނަވަން ޖެހޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ދެމެދުގެ ވަގުތެއްގައެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ފޯމު ބަލައިނުގަނެވޭނެއެވެ.
އަދި މި މަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފަސޭހަފުޅުވުމަށްޓަކައި، ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ޓެކްސް ނެގުމާ ގުޅޭ މައްސަލަތައް ބަލައި، އެ މައްސަލަތަކާމެދު ގޮތް ނިންމުމުގެ ބާރު ލިބިގެންވާ މިނިވަން މުއައްސަސާއެކެވެ.
ރިއެކްޓް



