ޚަބަރު

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޖުލައި 15, 2025 - 19:08
ޖުލައި 16, 2025 - 12:52
 0
ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
ފޮޓޯ: ދިޔަރެސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ދެ މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މި އިޢުލާނާ ގުޅިގެން، ކުރިން 24 ޖޫން 2025 ގައި ކޮށްފައިވާ އިޢުލާނުގެ ދަށުން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ ލިޔުންތައް ވެސް ބަލައިގަނެފައިވާ ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އުމުރުން 25 އަހަރު ވެފައިވުން ހިމެނެއެވެ. މީގެއިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމަކީވެސް މުހިންމު ޝަރުތެކެވެ.

އަދި ހަމައެއާއެކު، ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ހިމެނެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމުތައް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރުފަހު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޭނުންވާ ފޯމުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0