ފީނަން ފޭބި ކުއްޖާ ނިޔާވި ހަބަރު އެހީ ނުތަނަވަސް އިހްސާސްތަކަކާއެކު: ރައީސް

އދ. މާމިގިލި ކައިރީގައި ބޯވަ ނަގަން ފީނަން ފޭބި 15 އަހަރުގެ ލޫތު އަހްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތާމަ ފާޅުކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިހުސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށެވެ.
މިމަހުގެ 14 ވަނަ ދުވަހު މާމިގިލީގައި ބޯވަ ނަގަން ފީނަން ފޭބި ލޫތު އަހްމަދު (ރޯޅި، އދ. މާމިގިލި) ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުގެ 18 މީޓަރުގެ އަޑިންނެވެ. އޭނާ ފެނުނު އިރު ވެސް އޮތީ ނިޔާވެފައި ކަމަށް ވެއެވެ.
މި ހިތާމަވެރި ހާދިސާއަކީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި މަރުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. މި 3 ދުވަހުގެ ތެރޭގައި ޖުމްލަ 5 ކުއްލި މަރުގެ ހާދިސާތައް ވަނީ ރާއްޖޭ އެކި ކަންކޮޅުތަކުގައި ހިނގާފައެވެ.މީގެ ތެރޭގައި އެކްސިޑެންޓެއްގައި ނިޔާވި 17 އަހަރުގެ ކުޑަކުއްޖަކާއި މަރާލާފައި އޮއްވާ ފެނުނު 65 އަހަރުގެ އަބްދުއްރަހްމާން (އއ. މާޅޮސް) ހިމެނެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގިނަ ރައްޔިތުން ވަނީ އެކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ފާޅުކޮށްފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ގިނަ ފަރާތްތަކުން ގޮވާލާފައިވެއެވެ.
ރިއެކްޓް



