ޕޮޑްކާސްޓުގައި ރައީސް ހެއްދެވީ ހުސް ދޮގު: އަމީރު

ރައީސް މުޙައްމަދު މުއިއްޒުގެ "ރައްޔިތުންނާއެކު" ޕޮޑުކާސްޓުގެ މިއަދުގެ އެޕިސޯޑުގައި ދެއްކެވި ވާހަކަފުޅުތަކަކީ ހުސް ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުގައި ތެދެއް ނެތް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަވާ ވާހަކަފުޅުތަކެއް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ "ވެރިކަން ބަދަލުވެގެން އައި އިރުވެސް ޓައިމްލައިން އިން ގޮތަށް މިހާރުވެސް ތި ނިމިގެން ދަނީ. ދެން މަނިކުފާނު އައިސް ހަވާލުކޮށްގެން އަވަސްކުރަން ޖެހުނީ ކޮންކަމެއް؟ ދޮގު ހެދިޔަސް ތީ ބޮޑުވަރު" މިފަދައިންނެވެ.
އަމީރު ވަނީ އެމްޑީޕީ ސަރުކާރު ނިމުނު އިރު އެއާޕޯޓު މަސައްކަތް ނިމިފައި ހުރި މިންވަރުގެ ތަފާސް ހިސާބު މި ޕޯސްޓާއި އެކު ހިއްސާކުރައްވާފައެވެ.
- ކޮންކްރީޓް %100 ނިމިފަ
- ސްޓީލް ސްޓްރަކްޗަރ %97 ނިމިފަ
- ބްލޮކް ވޯލް %60 ނިމިފަ
- ފަސާޑް %89 ނިމިފަ
- ރޫފް %100 ނިމިފަ
- އެމް.އީ.ޕީ %45 ނިމިފަ
- އައި.ސީ.ޓީ އަދި އީ.އެލް.ވީ %32 ނިމިފަ
- އެޗް.ވީ.ޓީ.އެސް %90 ނިމިފަ
- އޭ.ވީ.ޑީ.ޖީ.އެސް %97 ނިމިފަ
- ޕީ.ބީ.ބީ %99 ނިމިފަ
- ބެގެޖް ހެންޑްލިންގ %0 ނިމިފަ (މަސައްކަތް ބަޔަކާއި ހަވާލުކޮށްފަ)
- މުޅި އެކު 'ކްރިޓިކަލް' މަސައްކަތްތަކުގެ %71 ނިންމާފަ
އަމީރު މި ތަފާސް ހިސާބުތައް ހާމަކުރެއްވީ އެއާޕޯޓު ޓާމިނަލުގެ ބޮޑުބައި ނުނިމި ވާކަމަށް މިއަދު ރައީސް މުޢިއްޒު ޕޮޑްކާސްޓުގައި ވިދާޅުވުމާއި ގުޅިގެންނެވެ.
އަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓާމިނަލުގެ މަސައްކަތް މިހާރުވެސް އެ ނިމެމުންދަނީ ކުރިން ކަނޑައެޅި ޓައިމްލައިނާއި އެއްގޮތަށެވެ.
ރިއެކްޓް



