ބަލާލީމަ ފެންނާނެ ޓާމިނަލް މަސައްކަތް ކޮން ވެރިކަމެއްގަ ކިހާ ވަރަކަށް ކަން ކުރެވުނީ: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތްތައް އެކި ވެރިކަންތަކުގައި ނިމިފައިވާ މިންވަރު ތާރީޚުތަކާއި ހަޤީޤަތްތަކަށް ބަލައިލުމުން ފެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއި އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިހާރުގެ އެއާޕޯޓު ޓާމިނަލްގެ މަސައްކަތް ފެށުނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، އޭގެ ފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިތުރު މަސައްކަތްތަކެއް ކުރެވި، އެމަނިކުފާނުގެ ސަރުކާރާ ހަވާލުވުމަށްފަހު ބާކީ ހުރި ހުރިހާ މަސައްކަތެއް ދޮޅު އަހަރުގެ ތެރޭގައި ނިންމާލެވުނު ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ އެއާޕޯޓުގެ ތާރީޚީ ތަރައްޤީއަށް އަލިއަޅުވާލައްވައި، ރައީސް އިބްރާހިމް ނާސިރު އަދި ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި އެއާޕޯޓު ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ބޭރުގެ އެކި ޤައުމުތަކުން ފަންޑާއި އެހީ ހޯއްދަވައިގެން ކުރެވުނު މަސައްކަތްތަކުގެ ވާހަކަވެސް ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުތަކުގެ އިސްވެރިން ދައްކަވަމުންދާ ވާހަކަތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، "ކޮންމެ މީހަކު ތިމަންނައޭ ހުރިހާ ކަމެއް ކުރީ، ތިމަންނައޭ ގިނަ މަސައްކަތް ކުރީ އެހެން ބުނުމަކީ ކުޑަކުދިން އުޅޭގޮތް" ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން އެއާޕޯޓު މަޝްރޫޢުގައި ވެފައިވާ އިހުމާލުތަކުގެ ތެރޭގައި "ހެޑް އޮފް ސްޓޭންޑް" މަގު ހެދުމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މި މަގަކީ އެއާޕޯޓު ޓާމިނަލް ބޭނުންކުރުމަށް ކޮންމެހެން ބޭނުންވާ މަގެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރިއެކްޓް



