ރިޕޯޓު , ސިޔާސީ

ޑިމޮކްރެޓިކް އިސްލާހުން ގައުމީ ބަދަލަކަށް - އެމްޑީޕީއަށް 21 އަހަރު

26 ޖޫން 2026 - 20:15
ޑިމޮކްރެޓިކް އިސްލާހުން ގައުމީ ބަދަލަކަށް - އެމްޑީޕީއަށް 21 އަހަރު
އާޓްވޯކް: ވިރާސީ

ސިޔާސީ ޕާޓީއެއްގެ ހަޔާތުގައި އެކާވީސް އަހަރަކީ ކުރު މުއްދަތެކެވެ. ނަމަވެސް، ދިވެހި ރާއްޖޭގެ ސިޔާސީ ހަޔާތަށް ބަލާއިރު،މި ގައުމުގެ ސިޔާސީ ތާރީޚު އަލުން ބައްޓަންކޮށްލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މި އެކާވީސް އަހަރު ފުދެއެވެ.

26 ޖޫން 2005 ގައި، ދިވެހިރާއްޖޭގައި ރަސްމީކޮށް ފުރަތަމަ ސިޔާސީ ޕާޓީއަށް އެމްޑީޕީ ރަޖިސްޓްރީ ވުމާއެކު، އެކަން ވެގެންދިޔައީ ހަމައެކަނި ޕާޓީއަކަށް ނުވަތަ ސިޔާސީ ފިކުރަކަށް ގާނޫނީ ހައިސިއްޔަތެއް ހޯދުމަށްވުރެ މާ ފުން ކަމަކަށެވެ. އެއީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ދައުރެއްގެ ފެށުމެވެ. އަދި ދައުލަތާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަލުކޮށްލި ތާރީޚީ ރަސީދެވެ.

ފޮޓޯ: މީސް މީޑިއާ
ފޮޓޯ: މީސް މީޑިއާ

މިއަދު، އެ ޕާޓީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ޕާޓީގެ ލީޑަރުން ވާހަކަދައްކަވަނީ ހަމައެކަނި މާޒީއާ ބެހޭގޮތަކުން ނޫނެވެ. އޭގެ ބަދަލުގައި ބޮޑަ ދެކެވެނީ މުސްތަގުބަލުގެ ވާހަކައެވެ.

ދެ ވަނަ ފަހަރަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވި ވަޑައިގެންނެވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިފަކުރައްވާ ގޮތުގައި އެމްޑީޕީއަކީ ދިވެހިރާއްޖެ ބަދަލުކޮށްލި ޕާޓީއެވެ. އެމަނިކުފާނު ވަކާލާތު ކުރައްވާ ގޮތުގައި، އާ ޑިމޮކްރެޓިކް ނިޒާމެއް ގެނެސްދިން 2008 ގެ ގާނޫނުއަސާސީއަކީ އެ ޕާޓީގެ އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކާއެކު، ކުރިން ތަޖުރިބާކޮށްފައިނުވާ ފަދަ ސިޔާސީ މިނިވަންކަން ލިބި، މުއައްސަސާތައް ވަރުގަދަވެ، އާންމު ރައްޔިތުންނަށް ލިބިދޭ ހައްގުތައް ފުޅާވެގެންދިޔައެވެ.

އެހެންނަމަވެސް، ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރު އަދި ނިމުމަކަށް ނާދެއެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި، އަންނަން އޮތް ޖީލުތަކަށް އިތުރު ތަނަވަސްކަމާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ފަދަ "ބޮޑު ބަދަލެއް" ރާއްޖެ މިއަދު އަނެއްކާވެސް ބޭނުންވެއެވެ. ބޭނުމަށް ވުރެ ބޮޑަށް މިއީ އަދުގެ ޒަރޫރަތެކެވެ.

އެމްޑީޕީގެ ވާހަކަ

ސިޔާސީ ޕާޓީއަކަށް ވުމުގެ ކުރިން، އެއީ ހިޔާލެކެވެ، ފިކުރެކެވެ ހަރަކާތެކެވެ. އެ ޕާޓީ އުފެއްދި ބޭފުޅުން މަސައްކަތް ކުރާނެ އޮފީހެއް ނެތެވެ. ގިނަ ބަޔަކު މަސައްކަތް ކުރީ އަރުވާލެވިގެން ތިބެ ރާއްޖޭން ބޭރުގައެވެ. އަނެއް ބަޔަކު ފުލުސް ކޯޓުގެ އަށިތަކުން، ކުޑަ ގޮޅިތަކުން، ބޮޑު ފަނޑިޔާރުގޭ ފެންޑާއިން ނޫނީ ޖިނާއީ ކޯޓުގެ ފިނި އަށީގައި ގަނަތެޅުނީ  މިއަދުގެ ޒުވާން ދިވެހިންނަށް އާދައިގެ ކަމެއްގެ ގޮތުގައި ފެންނަ ހައްގުތަކަށް އެދި ހިތަށް ވެސް ނުގެނެވޭ ގުރުބާނީތަކެއް ވަމުންނެވެ.

ސިޔާސީ ޕާޓީތަކަކީ މަނާ އެއްޗެއްގެ ގޮތުގައި އޮތް ޒަމާނެއް ދިޔައެވެ. އާންމު އިހުތިޖާޖުތައް ގިނަ ފަހަރަށް ނިމިގެންދަނީ ގަލު ގޮޅިންނެވެ. މިނިވަން ނޫސްވެރިކަން ދެމިއޮތުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ވެރިކަމުގައި ތިބި މީހުންނަށް ފާޑުކިޔުމަކީ، ހަމައެކަނި ސިޔާސީ ހިޔާލުތަފާތުވުމަކަށްވުރެ މާ ބޮޑެތި ނަތީޖާތަކެއް ކުރިމަތިވާ ކަމެކެވެ.

އެމްޑީޕީގެ ބިންގާ އެޅި ގިނަ ފަރާތްތަކެއް އެމީހުންގެ ވަޒީފާއާއި، އާއިލާއާއި، އަދި ބައެއް ހާލަތްތަކުގައި އެތައް އަހަރެއް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގުރުބާންކޮށްފައެވެ. އަނެއް ބަޔަކު ރާއްޖެއަށް އެނބުރި އައުމަކީ ކުރެވެން އޮތް ކަމަކަށް ނުވާތީ، ރާއްޖޭން ބޭރުގައި ތިބެގެން މަސައްކަތް ކުރިއަށް ގެންދިޔައެވެ.

އެމްޑީޕީ އެންމެ ފުރަތަމަ އަޑުއުފަލަމުންދިޔައީ ވޯޓު ހޯދާކަށް ނޫނެވެ. އެމީހުން ވަކާލާތު ކުރީ ވޯޓުލުމުގެ ހައްގު ހޯދުމަށެވެ. 

ސިޔާސީ ޕާޓީތައް ގާނޫނީ ގޮތުން ހުއްދަކުރުމާ ގުޅިގެން، 2008 ވަނަ އަހަރު ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނެވުނެވެ. މިނިވަން މުއައްސަސާތައް އުފެދުނެވެ. ވާދަވެރި އިންތިޚާބުތަކަކީ ހަގީގަތަކަށް ވިއެވެ. ވެރިކަން ބަދަލުކުރެވޭނީ ހަމައެކަނި ޔަގީންކަމެއްގެ މައްޗަށް ނޫން ކަމާއި، ވޯޓު ކަރުދާހުންކަން ކަށަވަރުވިއެވެ.

ފޮޓޯ: މީސް މީޑިއާ
ފޮޓޯ: މީސް މީޑިއާ

މީހަކު އެމްޑީޕީއަށް ތާއީދުކުރިޔަސް ނުވަތަ ދެކޮޅުވިޔަސް، އެމްޑީޕީގެ ވާހަކަ ނުހިމަނައި ރާއްޖޭގެ ޒަމާނީ ޑިމޮކްރެސީގެ ވާހަކަ ކިޔައިދިނުމަކީ އުނދަގޫ ކަމެކެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާވިއެވެ. މިނިވަން މީޑިއާ ކުރިއެރިއެވެ. މަދަނީ މުޖުތަމައުގެ އަޑު އުފުލުނެވެ. ސަރުކާރަށް ފާޑުކިޔުމަކީ ނުރައްކާތެރި ކަމެއް ނޫން ކަމަށާއި، އެއީ އާދައިގެ ކަމެއް ކަމަށް ގަބޫލުކުރާ ޖީލެއް ބޮޑުވިއެވެ. އެހެންނަމަވެސް، އެއްވެސް ސިޔާސީ ޕާޓީއެއްގެ ތާރީޚަކީ ކުށެއް ނެތް ސާފު ތާރީޚެއް ނޫނެވެ.

އެމްޑީޕީ އަމިއްލައަށްވެސް ވަނީ ދިވެހި ސިޔާސީ ތާރީޚުގައި ފެނިގެންދިޔަ އެންމެ ހިތްދަތި ބައެއް މަރުހަލާތައް ތަހައްމަލުކޮށްފައެވެ. 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަޢާވާތަކުން ނިމުމާއި ގުޅިގެން ހިނގައިދިޔަ ހާދިސާތަކުގެ ސަބަބުން ޕާޓީ އަލުން އިދިކޮޅު ސަފަށް ވެއްޓި، ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ވަރުގަދަކަމާ މެދު ކުރެވޭ ބަހުސްތައް އަލުން ވަރުގަދަވިއެވެ. އޭގެ އަހަރުތަކެއް ފަހުން، އެއް ދިދައެއްގެ ދަށުގައި އެކަތިގަނޑެއްގެ ގޮތުގައި އޮތް ހަރަކާތް ބައިބައިވެ، އެތެރޭގެ ކޯޅުންތަކުގެ ސަބަބުން އިތުރު އުނދަގޫ އިމްތިހާނަކާ ކުރިމަތިލާން ޖެހުނެވެ.

ފެބްރުއަރީ 7 ، 2012 ވަނަ ދުވަހު ޖުމްހޫރީ މައިދާން ސަރަހައްދު. ފޮޓޯ: އޭޕީ
ފެބްރުއަރީ 7 ، 2012 ވަނަ ދުވަހު ޖުމްހޫރީ މައިދާން ސަރަހައްދު. ފޮޓޯ: އޭޕީ

އެހެންނަމަވެސް، ވެރިކަން ގެއްލި، ސިޔާސީ ގޮތުން ނާކާމިޔާބީތަކާ ކުރިމަތިވެ، އަދި މެންބަރުން ވަކިވެގެން ގޮސް އާ ސިޔާސީ ހަރަކާތްތައް އުފެއްދި ކަމުގައި ވިޔަސް، އެމްޑީޕީ އަކީ އަދިވެސް މި ގައުމުގެ އެންމެ ނުފޫޒުގަދަ އެއް ސިޔާސީ މުއައްސަސާއެވެ.

ފަހަރުގައި އެ ސާބިތުކަމަކީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އިދިކޮޅު ލީޑަރު ފައްޔާޒް އިސްމާއީލް، ޕާޓީގެ އަހަރީ ދުވަހުގެ މައިގަނޑު މެސެޖެއްގެ ގޮތުގައި އެއްބައިވަންތަކަން އިޚްތިޔާރު ކުރެއްވި ސަބަބު ކަމަށް ވެދާނެއެވެ.

ޕާޓީގެ މެންބަރުންނަށާއި، އެކްޓިވިސްޓުންނަށާއި ލީޑަރުންނަށް މަރުހަބާ ވިދާޅުވަމުން، ފައްޔާޒް ސިފަކުރެއްވި ގޮތުގައި ޕާޓީގެ 21 ވަނަ އަހަރީ ދުވަހު ފެނުނު އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް އަލުން ބަދަހިވެފައިވާ މަންޒަރެވެ. ގިނަ ޕާޓީތަކެއް އުވި ނުވަތަ ބާރުކެނޑިގެން ގޮސްފައިވާ ސިޔާސީ މައިދާނެއްގައި، އެމްޑީޕީއަކީ ގައުމުގެ އެންމެ ވަރުގަދަ ސިޔާސީ ބާރުގެ ގޮތުގައި ދެމިއޮތުމުގެ އަސްލަކީ، އިންސާފާއި ހަމަހަމަކަން ހޯދުމަށް ސާބިތުކަމާއެކު ތިބި އެތައް ހާސް އާންމު މެންބަރުންގެ ގުރުބާނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ މެސެޖަކީ ހަމައެކަނި އުފާފާޅުކުރުމެއް ނޫނެވެ. އެއީ ތައްޔާރުވުމުގެ މެސެޖެކެވެ. ފައްޔާޒް އިޝާރާތް ކުރެއްވި ގޮތުގައި، އެކަތިގަނޑަކަށް ވެފައިވާ އެމްޑީޕީ މިހާރު ތައްޔާރުވަމުންދަނީ، ރައްޔިތުންނަށް އިހުމާލުވެފައިވާ ކަމަށް އެ ޕާޓީން ގަބޫލުކުރާ ސަރުކާރަށް އަލުން ގޮންޖެހުމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ. ޕާޓީގެ ލީޑަޝިޕަށާއި މެންބަރުންނަށް މަރުހަބާ ވިދާޅުވަމުން އެމަނިކުފާނު ހަނދާންކޮށްދެއްވީ، ރާއްޖެއަށް ހަގީގީ ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ގެނައުމުގައި އެމްޑީޕީން އަދާކުރި ދައުރުގެ ހެކިބަސް ތާރީޚު ދޭނެ ކަމެވެ. އަދި ދިވެހި ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމުގައި ޕާޓީން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އަލުން ދެއްވިއެވެ.

މި މެސެޖުތަކުން ހަމައެކަނި އަހަރީ ދުވަހުގެ ތަހުނިޔާއަށްވުރެ ފުން ކަމެއް ހާމަވެއެވެ. އެއީ ޕާޓީގެ އަސްލު އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަމާ އަލުން ގުޅުމަށް ކުރާ މަސައްކަތެވެ.

ޒުވާން ދިވެހިންނަށް ޑިމޮކްރަސީއަކީ އަބަދުވެސް އޮތް އެއްޗެކެވެ. ސިޔާސީ ޕާޓީތަކަކީ އަބަދުވެސް އޮތް އެއްޗެކެވެ. އިންތިޚާބުތަކާއި، މިނިވަން ނޫސްވެރިކަމާއި، ސަރުކާރަށް ފާޑުކިޔުމަކީ އާންމު ދިރިއުޅުމުގެ ބައެކެވެ.

ނަމަވެސް، މީގެ ޖީލެއް ކުރިން މިއިން އެއްވެސް ކަމަކީ ހަގީގަތެއް ނޫނެވެ. އެ ކަންކަމަށްޓަކައި ބަޔަކު ހަނގުރާމަކުރިއެވެ. އެ ކަންކަމަށްޓަކައި ބަޔަކު ހައްޔަރުވިއެވެ. އެ ކަންކަމަށްޓަކައި ބަޔަކު އަރުވާލެވުނެވެ. އެ ކަންކަމަކީ އާދައިގެ ކަންކަމަށް ހެދުމަށްޓަކައި ބަޔަކު އެމީހުންގެ ހުރިހާ އެއްޗެއް ގުރުބާން ކުރިއެވެ. އެއީ އެމްޑީޕީގެ ދެމިއޮންނާނެ ތަރިކައެވެ. އެއީ ހަމައެކަނި ވެރިކަން ކުރުމެއް ނޫނެވެ. ހަމައެކަނި އިންތިޚާބުތައް ކާމިޔާބު ކުރުމެއް ވެސް ނޫނެވެ. އެކަމަކު، ރާއްޖޭގެ ސިޔާސީ މަސްރަހު އޮންނަންޖެހޭ ގޮތް މުޅިން ބަދަލުކޮށްލުމެވެ.

ފޮޓޯ: މީސް މީޑިއާ
ފޮޓޯ: މީސް މީޑިއާ

ޕާޓީ މިހާރު މިވަނީ އަނެއްކާވެސް މުހިންމު ހުރަަހެއްގެ ކުރިމަތީގައެވެ. އަނެއްކާވެސް މިއޮތީ އިދިކޮޅުގައެވެ. ޕާޓީގެ އެތެރޭގެ ފާރުތައް މުޅިން ފަސޭހަނުވާއިރު، އާންމުންގެ އިތުބާރު އަލުން ހޯދުމުގެ އުނދަގޫ މަސައްކަތް ވަނީ ކުރިމަތީގައެވެ. ތާރީޚުން ދައްކާ ގޮތުގައި އެމްޑީޕީއަށް ދުވަހަކުވެސް ބާރު ލިބިފައިވަނީ ފަސޭހަ ދުވަސްވަރެއްގައެއް ނޫނެވެ. އެ ޕާޓީއަށް ބާރު ލިބުނީ ޑިމޮކްރަސީއަކީ ވާނެ ކަމެއް ނޫން ކަމަށް ހީވި ދަނޑިވަޅުތަކުގައެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީއަށް 21 އަހަރު ފުރުނުއިރު، އެމްޑީޕީއަށް ކުރިމަތިވެފައިވާ ސުވާލަކީ ތާރީޚުގައި އެ ޕާޓީގެ މަގާމާ ބެހޭ ސުވާލެއް ނޫނެވެ. އެ ސުވާލުތަކަށް ތާރީޚު ވަނީ ޖަވާބު ދީފައެވެ. ހަގީގީ ސުވާލަކީ، އެއްފަހަރު ރާއްޖެ ބަދަލުކޮށްލި ޕާޓީއަށް، ދެވަނަ ފަހަރަށް ގައުމު ބަދަލުކޮށްލުމަށްޓަކައި އަމިއްލައަށް އިސްލާހުވެ، އާ ރޫހެއްގައި ނުކުމެވިދާނެތޯ ކުރެވޭ ސުވާލެވެ. ސަބަބަކީ، ފުރަތަމަ އެކާވީސް އަހަރަކީ ޑިމޮކްރަސީ ކާމިޔާބުކުރުމުގެ އަހަރުތަކެއް ކަމުގައި ވީނަމަވެސް، ދެން އޮތް ބާބަކީ ޑިމޮކްރަސީގެ ބާނީން ކުރިން ދެކެވަޑައިގަތް ފަދަ އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމުގެ ޤާބިލުކަން އަދިވެސް ޑިމޮކްރަސީގައި ހުރިކަން ސާބިތުކޮށްދިނުމުގެ ބާބަކަށް ވެދާނެތީއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0