މަރާމާތަށް ބަންދު ކުރުމަށްފަހު ރަސްފަންނު ހުޅުވާލައިފި
މަރާމާތުގެ މަސައްކަތްތަކަކަށްފަހު މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.
މި ސަރަޙައްދު މަރާމާތަށް ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތުގެ ދަށުން ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަޙައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ވަނީ ޤާއިމްކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވަނީ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާފައެވެ. އަދި މޫދަށް އެރޭ ސަރަޙައްދުގައި ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އެ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ނިމިފައިވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
މީގެ އިތުރުން، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އާންމު ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި އާ ފާޚާނަބަރިއަކާއި، ފެން މާގަނޑުތަކުގެ އިތުރުން ލޮކަރު ފަދަ ޚިދުމަތްތައް ޤާއިމްކުރުން ހިމެނެއެވެ.
ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މަރާމާތަށްފަހު މިހާރު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ. ރަސްފަންނަކީ 2016 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް ތަރައްޤީކުރި ތަނެކެވެ.
މި ސަރަޙައްދުގައި ޢާއިލާތަކަށް ހިތްހަމަޖައްސާލަން ތިބެވޭނެ ޖޯލިފަތިތަކާއި، ހޮޅުއަށިތަކުގެ އިތުރުން މަސް ބޭނުމަށް ޚާއްސަ ހަޓަކާއި ބާބަކިއު އޭރިއާއެއްވެސް ހިމެނެއެވެ. އަދި އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ ޕާކިންގ ޒޯނެއްވެސް ވަނީ ޤާއިމްކޮށްފައެވެ.






ރިއެކްޓް