އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަޞްދީޤުކުރުމަށް ފޮނުއްވި "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު" އާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ބިލު މިއަދު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި ބިލަކީ 14 މެއި 2026 ވީ ބުރާސްފަތި ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. މަޖިލީހުން މި ބިލު ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު މަޖިލީހުން ގެންނެވި ބަދަލުތަކުގެ ސަބަބުން، ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީއެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި، ބައެއް އިސްލާހުތައް ގެންނަވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މި ބިލު އަނބުރާ ފޮނުއްވާލައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުން ފާސްކޮށްފައިވާ ބިލެއްގައި އިސްލާހުކުރަންޖެހޭ ކަމަށް ފެންނަ ކަންކަން ބަޔާންކޮށް، އެ ބިލެއް އަލުން މުރާޖައާކުރުމަށް އަނބުރާ ފޮނުވުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާނެ ކަމަށެވެ.
މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން، ދެން މި ބިލާ މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހުގައެވެ.






ރިއެކްޓް