ދީނީ ހުދޫދުގެ ތެރެއިން އީދު ފާހަގަކުރަން އެދުމުން މުހައްމަދު އިސްމާއީލް ހިތްހަމަނުޖެހިއްޖެ
ވިލިމާލޭގެ މަސްޖިދުލް ބިއްރު ކުރިމަތީގައި ދެ ޖިންސު މަސްހުނިވެ، މިއުޒިކާއެކު ނަށަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް، އެކަން އެގޮތަށް ނުކުރުމަށް ގޮވާލުމުން ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މި މައްސަލަ ފެންމަތިވީ ސަރުކާރާއި ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަކާލާތު ކުރައްވާ މަރިޔަމް ޝިއުނާ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ޝިއުނާ ހިއްސާކުރި ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ކުރިމަތީގައި ޝައިތާނުން ސިފަވާފަދަ ހެދުންތަކެއް އަޅައިގެން ތިބި ބަޔަކު މިއުޒިކަށް ނަށާ މަންޒަރެވެ. ޝިއުނާ ވަނީ މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މިސްކިތްތަކުގެ ކުރިމަތީގައި ހިނގައިގެން ނުވާނެ ފަދަ ވިޔާނުދާ އަމަލެއްގެ ގޮތުގައި ސިފަކޮށް، މުއައްސަސާތަކުން މިކަން ހުއްޓުވަން ޖެހޭނެ ކަމަށް ބުނެފައެވެ.
Loading tweet content... View original tweet
ޝިއުނާގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އެ ހަރަކާތް ކުރިއަށް ދިޔައީ މިސްކިތާ އެތައް ސަތޭކަ ފޫޓެއް ދުރުގައި ކަމަށާއި، ނަމާދު ގަޑިތަކުގައި އެއްވެސް ހަރަކާތެއް ހިނގާފައި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ފެތުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި، ވިލިމާލެ ރައްޔިތުންނަކީ ދީނީ ކަންކަމަށް އިސްކަންދޭ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ކިތަންމެ ދުރުގަ ކުޅިވަރެއް ކުޅުނަސް މިސްކިތް އަރާގޮތަށް ފޮޓޯ ނެގިދާނެ،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
މެމްބަރުގެ ވާހަކަތަކަށް ރައްދު ދެމުން ޝިއުނާ އަލުން ބުނެފައިވަނީ އޭނާ އެކަން ކުށްވެރިކުރީ މިސްކިތް އެތަނުން ފެންނަން ހުރުމުން ކަމަށާއި، މިއީ ސިޔާސީ މަގުސަދެއްގައި ކުރި ކަމެއް ނޫން ކަމަށެވެ. "ގޯސް ކަމެއް ވާނީ ގޯސް ކަމަކަށް. އެ މަންޒަރަކީ ގޯސް މަންޒަރެއް،" ޝިއުނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ކޮންމެ އީދެއްގައިވެސް މުންކަރާތްތަކާ ދެކޮޅަށް ބަސް ބުނާނެ ކަމަށެވެ.
މި ބަހުސްގެ ތެރެއިން މުހައްމަދު އިސްމާއީލް ވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބަވައިގެން ރަށްރަށުގެ ރައްޔިތުން ފާހަގަކުރާ ހަފްލާތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު ޒިންމާދާރުވުމަށް ގޮވާލާފައެވެ. ނަމަވެސް ޝިއުނާ ވަނީ ތަކުރާރުކޮށް މިސްކިތްތައް ކައިރީގައި މިފަދަ ކަންކަން ނުކުރުމަށް ގޮވާލާފައެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
1
ލޯބި
0
މަޖާ
1





