ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަފްލާހުގެ މައްޗަށް ހަ ދައުވާއެއް

30 މޭ 2026 - 17:10
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަފްލާހުގެ މައްޗަށް ހަ ދައުވާއެއް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ޓިއުޝަންގެ ހިދުމަތްދޭ "ބްރައިޓް މައިޑްސް" ގެ ވެރިޔާ އަލީ އަފްލާހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް އުފުލާފައިވާކަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިންޑިއާގައި އުޅުމަށްފަހު ރާއްޖެ އައުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަފްލާހު ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، 16 އަހަރުގެ ކުޑަކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި ކަމަށެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މި އަމަލުތައް ހިންގާފައިވަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދުގައެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އަފްލާހުގެ މައްޗަށް ހަ ދައުވާއެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެ ދައުވާތަކުގެ ތަފްސީލަކީ:

  • މަހްރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 3 ދައުވާ.
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ.
  • އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ.
  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ.

މި މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ތަކުރާރުކޮށް ހިންގާފައިވާ އަމަލުތަކަކަށް ވާތީ، ދައުލަތުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިފައެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފައިވަނީ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ އަމަލުތަކެއް އޭނާގެ ފަރާތުން ފެނިފައިވާތީ ކަމަށް ބެލެވެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްތަކެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0