މާލެ އިން ބޭރުން ފުރަތަމަ ޑްރަގް ކެފޭ ފުވައްމުލަކުގައި ބަންދުކޮށްފި
މާލެ ސިޓީން ބޭރުގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް، ފުވައްމުލައް ސިޓީގައި ބަންދުކޮށްފިއެވެ.
މިއީ މާލެސިޓީއިން ބޭރުގައި ޑުރަގު ކެފޭއެއް ބަންދުކުރި ފުރަތަމަ ފަހަރެވެ.
މި ތަން ބަންދުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ ޏ. ފުވައްމުލައް / ފުނާޑު. ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައެވެ. މި ތަން ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ. މި އަމުރު ނެރެފައިވަނީ 2026 މެއި 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހުގެ މުއްދަތަށެވެ.
ފުލުހުން ވިދާޅުވީ، ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިފަދަ ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.






ރިއެކްޓް