ދަންވަރު މަރުތޭލާއި ފުއްކަށިން ޝަހުޒާން އޮތް ގޮޅީގެ އަށި ތަޅަން ރައީސް ނާންގަވާ: އިހުސާނު
ޖަލުން މިނިވަންވުމަށްފަހު 'އަދަދު' ނޫހުގެ ނޫސްވެރިޔާ ޝަހުޒާން, ދަންވަރު ގަޑީގައި ކަރެކްޝަންސް އޮފިސަރުން މަރުތޭލާއި ފުއްކަށިން އޭނާ އޮތް ގޮޅީގެ އަށްޓާއި ފާރު ތެޅި ކަމަށާއި އެއީ ސީދާ ރައީސް އަންގައިގެން ކުރި ކަމެއް ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޝަހުޒާން ޖަލުގައި ހުރި ގޮޅިއަށް އޮފިސަރުން ވަދެ، ނިދާ އަށި ތަޅައި ލާއިންސާނީ އަނިޔާ ދީފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.
މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 15 މެއި 2024 ވަނަ ދުވަހު އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ޝަހުޒާން އާއި ލީވާން ތިބި ގޮޅި ބަލައި ފާސްކުރި ކަމަށެވެ. އެގޮތުން އެރޭގެ 19:35 ހާއިރު ކަރެކްޝަންސްގެ އޮފިސަރުން އެމީހުންގެ ހާޒިރުގައި ގޮޅި ފާސްކުރިއިރު، ކަބަޑު ތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޮބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.
ޝަހުޒާން ތުހުމަތުކުރި ގޮތުގައި "ކޮންމެ ރެއަކުހެން ޖަލުގެ އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި މަރުތޭލާއި ފުއްކަށި ހިފައިގެން އަޅުގަނޑުގެ ގޮޅިއަށް ވަދެ، އަޅުގަނޑު ނިދަން އޮންނަ އަށްޓާއި ފާރުގެ އެތަން މިތަން ތަޅައި ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން،" ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ ޖަލުގައި އަމަލުކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކުރާ ކަންކަން ނޫން ކަމަށެވެ.
"މި ކަންކަމަކީ ވަކި ގައިދީއަކަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން. އަމުދުން ޖަލުގެ މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ނޫން. އަދި އަޅުގަނޑުގެ ވަޒީރުކަމުގައި ރައީސް ދުވަހަކުވެސް ޖަލުގެ މިފަދަ ކަންކަމާ އެއްވެސް މިންވަރަކަށް އިންސްޓްރަކްޝަނެއް ދެއްވާފައެއް ނުވޭ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މީގެ ކުރިން ތިން ނޫސްވެރިއަކު ސުވާލު ކުރުމުން އެކަން ސާފުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު އެއްވެސް ނޫހަކުން ރިޕޯޓުކޮށްފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޖަލަށް މަނާ ތަކެތި ވެއްދި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހުޒާން 15 ދުވަހުގެ މުއްދަތަށް ޖަލަށްލީ ރައީސް މުއިއްޒުއާ ސުވާލުކުރުމުން ކޯޓުން ނެރުނު އަމުރަކާ ހިލާފުވެގެންނެވެ. އަދި ލީވާން ޖަލަށްލީ ރައީސްއާ ގުޅޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން މަނާކުރި މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެންނެވެ.






ރިއެކްޓް