ގަމުގައި ކަރަންޓުގައި ޖެހުނު ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ
ލ. ގަމުގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަރަންޓުގައި ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ފިރިހެން ކުއްޖާއަށް ފަރުވާ ދެމުން ދަނީ، އައިސީޔޫގެ ވެންޓިލޭޓަރުގައި ކަަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
މިކަމާއި ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ގަމުގައި ކުޑަކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިގެން އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް ކުއްޖާގެ ހާލަތަށް ބަލައި އިތުރު ފަރުވާ ބޭނުންވާތީ، އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.
އެ ކުއްޖާ ކަރަންޓުގައި ޖެހުނީ އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. ކަރަންޓުގައި ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، "އެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގެ އެހީގައި" ކަމަށެވެ. އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައި ނުވި ނަމަވެސް، މައުލޫމާތު ލިބޭގޮތުގައި ކުއްޖާގެ ގައިގެ ބޮޑު ބައެއް ވަނީ ފިހިފައެވެ.






ރިއެކްޓް