އެއްވެސް މީހަކު އެމްޑީޕީ އިން ވަކިވާން ނޭދެން: ރައީސް ނަޝީދު
އެއްވެސް ސަބަބަކާ ހުރެ އެއްވެސް މީހެއް އެމްޑީޕީން ވަކިވާން އެދިވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް އިތުރުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅެއްގައި އދ. މާމިގިއްޔަށް ވަޑައިގެން، އެ ރަށު އެމްޑީޕީ ހަރުގޭގައި ބޭއްވި އީދު ކެއުމެއްގެ ތެރެއިން ދެއްވި މެސެޖެއްގައެވެ. މި މެސެޖުގެ ވީޑިއޯ އެމަނިކުފާނު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވާފައެވެ.
"އެމްޑީޕީން އެންމެ މެންބަރެއް ވަކިވުމަކީ، އަޅުގަނޑު އެދޭނެ ގޮތެއް ނޫން. އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް. އަޅުގަނޑުގެ އަމާޒަކީ ނުވަތަ އުންމީދަކީ، އެއް ލައްކައަށްވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭތިއްވުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖަކާ ގުޅިގެން ޕާޓީގެ ތެރޭގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ އިންތިހާބުން ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި ތަންކޮޅެއް ދުރުގައި، އެހެންނަސް ފަހަތުގައި ތިއްބަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ޗެއާޕާސަން އިންތިހާބުގެ ތެރޭގައި އަދި އިންތިހާބަށްފަހުވެސް އެމްޑީޕީގެ މެންބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެއްވެސް މެންބަރަކު ޕާޓީ ދޫކޮށްލުމަކީ އެމަނިކުފާނު ކުޑަކޮށްވެސް އެދޭނެ ކަމެއް ނޫންކަން ވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަންއެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު އަލުން ޕާޓީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ތެރޭގައެވެ.






ރިއެކްޓް