މީހަކު ރަހީނުކުރި މައްސަލައެއްގައި ހަތަރު ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިދިޔަ މާރިޗް މަހުގެ ފަހުކޮޅު ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ ހަތަރު ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ މިދިޔަ މާރިޗް މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައެވެ. ރަހީނުކުރި މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މާރިޗް 27 ވަނަ ދުވަހު ވިލިމާލެއިންނެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފަސް ރައްޔިތުންނެވެ. އެއީ ރަސަލް (20އ)، އެމްޑީ ހޮސައިން (30އ)، އެމްޑީ މެހެދި ހަސަން (34އ)، ސާފިފް ހަސަން (38އ) އަދި އެމްޑީ ޝާ އަލަމް (39އ) އެވެ. މީގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއިރު، އެމްޑީ ހޮސައިންގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި އަމަލުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްޑީ ހޮސައިންނެވެ. އޭނާ ވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. ކުރިން އޭނާ ކުށަށް އިއުތިރާފްވެފައިވީ ނަމަވެސް، މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ބަންދުގެ މުއްދަތު މުރާޖައާކުރުމުގެ މަޖިލީހުގައި އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައަކީ ގިނަ ބަޔަކު ބައިވެރިވެގެން ރޭވުންތެރިކަމާއެކު ހިންގާފައިވާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.






ރިއެކްޓް