އެބޯލާ ޖެހިގެން 220 މަރު، ބަލި ފެތުރޭ މިންވަރު ކޮންޓްރޯލުން ނެއްޓިއްޖެ :ޑަބްލިއުއެޗްއޯ
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވި ގޮތުގައި، މިހާރު ފެތުރެމުންދާ އެބޯލާ ބަލީގައި މަރުވި ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު 220 އަށް އަރައިފިއެވެ.
ބަލި ޖެހިފައިވާ މީހުން ދެނެގަތުމުގައި ލަސްތަކެއް ވުމުގެ ސަބަބުން، ބަލި ފެތުރޭ މިންވަރު މިހާރު ހުރީ ކަމާބެހޭ ފަރާތްތަކަށް ކޮންޓްރޯލް ކުރެވޭ މިންވަރަށް ވުރެ މަތީގައެވެ.
"އަޅުގަނޑުމެން މިދަނީ އޮޕަރޭޝަންތައް ވަރުގަދަކުރަމުން، ނަމަވެސް މިވަގުތު ބަލި ފެތުރޭ މިންވަރު މިވަނީ އަޅުގަނޑުމެންގެ މަސައްކަތްތަކަށް ވުރެ ކުރިއަރާފައި،" ހޯމަ ދުވަހު ވާހަކަދައްކަވަމުން ޓެޑްރޯސް ވިދާޅުވިއެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާ އިންވެގެންވާ ގައުމުތަކުން މިކަމުގައި ވަގުތުން ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ޔުގެންޑާއިން ވެސް މިހާރު ވަނީ އިތުރު ދެ ކޭސް ފެނި، އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ހަތަކަށް އަރާފައެވެ.
މިފަހަރުގެ އެބޯލާ އައުޓްބްރޭކްގެ މައި ސަރަހައްދަކީ އިޓޫރީ ޕްރޮވިންސެވެ. ނަމަވެސް މިހާރު މި ބަލި ވަނީ އެ ސަރަހައްދާ 200 ކިލޯމީޓަރު ދުރަށް ފެތުރި، އަވަށްޓެރި ޔުގެންޑާއާ ހަމައަށް ވާސިލްވެފައެވެ. މިހާތަނަށް 900 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވިފައިވާއިރު، މިހާރު ފެތުރެމުންދަނީ އެބޯލާގެ މަދުން ނޫނީ ނުފެންނަ ވައްތަރެއް ކަމަށްވާ 'ބުންޑިބުގްޔޯ' ސްޓްރެއިންއެވެ. މި ވައްތަރަށް އަދި އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއްވެސް ހޯދިފައެއް ނުވެއެވެ.
އެބޯލާއަކީ ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީއާއިން ފެތުރޭ ވައިރަހެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެތެރެއަށް ލޭބޭރުވުން ނުވަތަ ގުނަވަންތައް ފެއިލްވުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެ، މަރުވުމަށް މަގުފަހިވެއެވެ. ޑަބްލިއުއެޗްއޯ އިން ވަނީ މި ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.






ރިއެކްޓް