އީދު ނަމާދު ވަގުތުގައި ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި އީދުދުވަހުގެ ހެނދުނު ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ.
ހުޅުމާލެ ފޭސް 1 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މީގެ އިތުރުން ފަސް މިސްކިތެއްގައި އީދު ނަމާދު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ މަސްޖިދުއްޝައިހު ޤާސިމް ބިން މުޙައްމަދު އަލް ޡާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދުލް ވާލިދައިނި އަދި މަސްޖިދުލް އަޞްދިޤާ އެވެ.
ފުލުހުންގެ ހިދުމަތުން މައުލޫމާތުދޭ ގޮތުގައި މިސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތަކަކީ، ނަމާދު ގަޑީގައި ބަގީޗާ ހިނގުމުން ފެށިގެން ބަނަފްސާ ހިނގުމާއި ހަމައައް ހިތިގަސް މަގު އެއްކޮށް ބަންދު ކޮށް، ރަނައުރާ މަގާއި ގުލްޗާންޕާ މަގުން ހިތިގަސް މަގަށް ނިކުންނަ ހުރިހާ ގޯޅިއަކާއި، ބަނަފްސާ މަގު އަދި ކުރިކީލަ މަގާއި ހިތިގަސް މަގާއި ދެމެދު ހަތަރުފުރޮޅިލީ ވެހިކަލްތަކަށް ނުވަދެވޭހެން ބަންދު ކުރުމެވެ. މި ސަރަހައްދުގައި ޕާކް ކުރުމަށް ހާއްސަ ކުރެވިފައި ވަނީ ބަނަފްސާ މަގުގެ ކުރިކީލަ މަގާއި ހިތިގަސް މަގާއި ދެމެދު، ރީތިގަސް ހިނގުމުގެ އިތުރުން ސެންޓްރަލް ޕާކު ސަރަހައްދުގެ އެތެރޭގައެވެ.
ފޭސް 2 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދު ޙަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސްމަގާއި ދުބުރިގަސްމަގު ހިމެނޭ ގޮތަށް އޮންނަ ހުސްބިމުގައެވެ. މީގެ އިތުރުން މަސްޖިދުލް އީމާން އަދި މަސްޖިދު އުޡްމާން ބިން ޢައްފާން ގައިވެސް އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިސަރަހައްދުގައި ޓްރެފިކަށް އެއްކޮށް ބަންދު ކުރެވިފައިވަނީ ހީނާމާ ހިނގުމުގެ ނިރޮޅު މަގުން ފެށިގެން ފޭރުގަސް މަގާއި ހަމައަށެވެ. ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ނުވަދެވޭހެން ބަންދުކުރެވޭނީ ދުނބުރިގަސްމަގުގެ ހީނާމާ ހިނގުމުން ފެށިގެން ގުލްހަޒާރުމާ ހިނގުމާއި ހަމައައް އަދި ދުނބުރިގަސް މަގު 3 ނަންބަރު ގޯޅިއާއި 4 ނަންބަރު ގޯޅިއާއި ހަމައައް އަދި ފޭރުގަސް މަގުގެ ހީނާމާ ހިނގުމުން ފެށިގެން ގުލްހަޒާރުމާ ހިނގުމާއި ހަމައައް އަދި ފޭރުގަސް މަގު 3 ނަންބަރު ގޯޅިއާއި 4 ނަންބަރު ގޯޅިއާއި ހަމައައް އަދި މީގެ އިތުރުން ފޭރުގަސް މަގުގެ 3 ނަންބަރު ގޯޅި އެވެ. ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ނުވަދެވޭހެން ބަންދުކުރާ މަގުތަކުގައި ޕާކް ކުރެވޭނެ އިންތިޒާމް މިސަރަހައްދުގައި ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރަކުވެސް އަޟްހާ އީދު އަދި ފިތުރު އީދު ބޮޑު ޖަމާއަތުގައި މާލޭ ސަރަހައްދުގެ އެކި އަވަށް ތަކުގައި އޮވެއެވެ. ބޮޑު ޖަމާއަތް އިންތިޒާމްކުރަނީ އިސްލާމިކް މިނިސްޓްރިއާއި ސިޓީކައުންސިލް ގުޅިގެންނެވެ.






ރިއެކްޓް