ޚަބަރު

އީދު ބަންދަށް މިފްކޯއިން މަސް ގަތުމާއި އައިސް ވިއްކުން މެދު ކަނޑާލައިފި

25 މޭ 2026 - 23:51
އީދު ބަންދަށް މިފްކޯއިން މަސް ގަތުމާއި އައިސް ވިއްކުން މެދު ކަނޑާލައިފި

އަޟްހާ ޢީދުގެ ބަންދު ދުވަސްތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތަކުން މަސް ގަތުމާއި އައިސް ވިއްކުން މެދުކަނޑާލައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިފްކޯއިން ބުނީ ދެން މަސް ގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ، ޢީދުގެ މުނާސަބަތާ ގުޅިގެން އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ ކުންފުނީގެ ފެސިލިޓީތަކާއި ބޯޓުތަކުން މަސް ނުގަންނާނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި އެ ކުންފުނީގެ ސެންޓަރުތަކުންނާއި، އައިސް ޕްލާންޓުތަކުން އައިސް ވިއްކުމުގެ ޚިދުމަތްވެސް މެދުކަނޑާލާފައިވާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މިފްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، ޢީދު ބަންދަށްފަހު ދެން ޖެހޭ ހުކުރު ދުވަހަކީ އާންމުކޮށްވެސް އެ ކުންފުނިން މަސް ނުގަންނަ ދުވަހަކަށް ވުމާއެކު، ފެސިލިޓީތަކާއި އައިސް ޕްލާންޓްތައް ހުޅުވައި ޚިދުމަތް ދޭން ފަށާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. އެހެންކަމުން، ބޯޓުފަހަރުންނާއި ފެސިލިޓީތަކުން މަސް ގަންނަން ފަށާނީވެސް އެ ދުވަހުއެވެ.

އާންމު އުސޫލެއްގެ ގޮތުން ހުކުރު ދުވަސްތަކުގައި މިފްކޯއިން މަސް ނުގަންނައިރު، ޢީދު ފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް އެ ކުންފުނީގެ ސެންޓަރުތަކުން މަސް ގަތުން މެދުކަނޑާލުމަކީ އާންމުކޮށް އަމަލުކުރާ އުސޫލެކެވެ. މިފްކޯއިން ބުނީ މި ބަދަލުތަކާ ގުޅޭ މައުލޫމާތު އެ ކުންފުންޏަށް މަސް ވިއްކާ އޮޑިފަހަރުތަކަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0