އީދު ބަންދުގައި ޕެޓްރޯލް އަޅައިދޭނެ ގަޑިތައް އާންމުކޮށްފި
ކުރިއަށް އޮތް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ދިމާކޮށް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ އަޅައިދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލާއެކު މާލެއާއި އަތޮޅުތަކުގައި އެ ކުންފުނިން ހިންގާ ޝެޑްތަކުން ޚިދުމަތް ދޭނީ މެންދުރުފަހުގެ ވަގުތުތަކުގައެވެ.
އާންމުކޮށް 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ހުޅުމާލެ ފޭސް 1 ގެ ޕެޓްރޯލް ޝެޑާއި، މާލޭ ސްޓެލްކޯ ކައިރީ ހުންނަ ޝެޑު މި ދެ ދުވަހު ވަކި ވަގުތުތަކެއްގައި ބަންދުވާނެއެވެ. އެގޮތުން ޙައްޖު ދުވަހު ހެނދުނު 10:00 އިން މެންދުރު 14:00 އަށް އަދި ޢީދު ދުވަހު ހެނދުނު 6:00 އިން މެންދުރު 14:00 އަށް މި ދެ ޝެޑު ބަންދުވާނެއެވެ. ނަމަވެސް އެ ވަގުތަށްފަހު އަލުން 24 ގަޑިއިރު ޚިދުމަތް ދޭން ފަށާނެއެވެ.
މާލެ ސަރަހައްދުގައި ހުރި އީޒީ ފިލް 2 އަދި އީޒީ ފިލް 4 އިން ޚިދުމަތް ލިބޭނީ 14:00 އިން 23:00 އަށެވެ. ތިލަފުށި، އައްޑޫ ސިޓީ ގަން، ތިނަދޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުންނަ އެފްއެސްއެމްގެ ޝެޑްތަކުން މި ދުވަސްތަކުގައި ޚިދުމަތް ދޭނީ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށެވެ.
މީގެ އިތުރުން އެފްއެސްއެމްއިން ޚިދުމަތް ދޭ އިތުރު 8 ރަށެއްގައި ޚިދުމަތް ދޭނީ މެންދުރުފަހު 14:30 އިން ރޭގަނޑު 23:00 އަށެވެ. އެ ރަށްތަކަކީ:
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ރ. ދުވާފަރު
- ބ. އޭދަފުށި
- ފ. ނިލަންދޫ
- ދ. މީދޫ
- ދ. ކުޑަހުވަދޫ
ޢީދު ދުވަހާއި ޙައްޖު ދުވަހު މިފްކޯގެ ފެސިލިޓީތަކުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭން ޤާއިމްކޮށްފައިވާ ތަންތަން ބަންދު ވާނެއެވެ. އެގޮތުން ފެލިވަރު، ކޫއްޑޫ އަދި ސ. ހުޅުދޫމީދޫގައި ހުންނަ މަރުކަޒުތައް މި ދެ ދުވަހު ބަންދުވާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.






ރިއެކްޓް